އަފްގާނިސްތާނުގެ އަންހެން ފުލުހުންނަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަން ގޮވާލައިފި

އަފްގާނިސްތާނުގެ އަންހެން ފުލުހުންނަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލަން އެމެރިކާއާއި ވިލާތުގެ އިއްތިހާދުން ގޮވާލައިފިއެވެ.

އެމެރިކާ އަދި ވިލާތުގެ އިއްތިހާދުން މިފަދައިން ގޮވާލައިފައި މިވަނީ، ބީބީސީ އިން އާންމުކުރި ތަހުގީގީ ރިޕޯޓަކާއި ގުޅިގެންނެވެ. މި ރިޕޯޓުގައިވާ ގޮތުން އަފްގާނިސްތާނުގެ ފުލުހުންގެ ފައުޖުގައި މަސައްކަތްކުރާ އަންހެންނުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރެވެ.

މިގޮތުން އެކީގައި މަސައްކަތްކުރާ ފިރެހެން ފުލުހުންނާއި އަދި އިސްކޮށްތިބޭ ފުލުހުން އަންހެން ފުލުހުންގެ ނުގަބޫލުގައި އެ ފުލުހުންނަށްވަނީ ޖިންސީ ގޯނާކޮށް އެބައިމީހުންގެ އިއްފަތް ފޭރިގަނެފައެވެ. މިފަދަ މައްސަލަތައް ރިޕޯޓުކުރަން އަންހެން ފުލުހުން ފަސްޖެހޭ ކަމަށްވެސް ބީބީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މި ރިޕޯޓާއި ގުޅިގެން އަފްގާނިސްތާނުގެ ސަރުކާރުން ބުނެފައިވަނީ، މިފަދަ އަމަލުތައް ހުއްޓުވައި ފުލުހުންގެ ފައުޖުތަކަކީ އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ބުނަމުން އައްނަނީ މިފަދަ އަމަލުތައް ހިނގާ ފަރާތްތަކަށް އަދަބު ނުދެވޭ ކަމަށެވެ.

ވިލާތުގެ އިއްތިހާދުން މިމައްސަލަތަކާއި ގުޅިގެން ބުނީ، އެ އިއްތިހާދުން މިފަދަ ކަންކަން އެއްވެސް މިންވަރަކަށް ބަލައި ނުގައްނަ ކަމަށާއި މިފަދަ މައްސަލައެއް ހުށަހެޅިއްޖެނަމަ ވަގުތުން ބަލައި ފިޔަވަޅުއަޅަން ޖެހޭނެ ކަމަށެވެ. އަވަސް މުސްތަގުބަލެއްގައި މިކަންކަން ރަނގަޅު ނުކުރެވިއްޖެނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ވިލާތުގެ އިއްތިހާދުންވަނީ ދީފައެވެ.

ބީބީސީގެ ތަހުގީގީ ރިޕޯޓާއި ގުޅިގެން އެމެރިކާއިން ބުނީ، އަފްގާނިސްތާނުގެ ފުލުހުންގެ ފައުޖުގައި މަސައްކަތްކުރާ އަންހެނުންނަކީ ހިތްވަރުގަދަ ގައުމުދެކެ ލޯބިވާ ބަޔެއް ކަމަށެވެ. މީގެއިތުރުން، މި އަންހެނުންނަށް ސަގާފީގޮތުންނާއި، ސަލާމަތީ ގޮތުންނާއި، މުޖުތަމައުގެ ގަބޫލުކުރުންތަކުގެ ގޮތުންނާއި، އަދި ސިޔާސީގޮތުން ގިނަ ގޮންޖެހުންތައް ކުރިމަތިލާންޖެހޭ ކަމަށެވެ.

މިހެންކަމުން ފުލުހުންގެ ފައުޖުގައި މަސައްކަތްކުރާ އަންހެނުންގެ ހިދުމަތް ބަލައިގަނެ އެ ހިދުމަތަށް އިހުތިރާމް ކުރުމަށް އެމެރިކާއިންވަނީ ގޮވާލައިފައެވެ. ހަމަމިއާއެކު، ހާމަވެގެންދިއަ ރިޕޯޓުތަކަކީ އަފްގާނިސްތާނުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭނެ ރިޕޯޓުތަކެއް ކަމަށެވެ.

އަފްގާނިސްތާނުގައި މިވަގުތު ހިދުމަތް ކުރަމުންދާ އަންހެން ފުލުހުންގެ އަދަދަކީ 3،900 އެވެ. އަފްގާނިސްތާނުގައި ފުލުހުންގެ މަސައްކަތުގައި އަންހެނުން ހަރަކާތްތެރިވުމަކީ އަދިވެސް ވަރަށް އާ އަދި ތަރުހީބު ކުޑަ ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ