"މޭ ހައެއް" ނަމުގައި ބޮމުގެ ހަމަލާގެ ތަހުގީގަށް ފާރަވެރިވާ ކޮމެޓީއެއް

މިދިޔަ މަހުގެ 6 ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ބަލައި ފާރަވެރިވުމަށް، "މޭ ހައެއް" ނަމުގައި ކޮމިޓީއެއް އުފައްދަން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މި ގަރާރު ހުށައެޅުއްވިއިރު، ތާއީދު ކުރެއްވީ މަކުނުދޫ ދާއިރާގެ ރައީސް އަހުމަދު މައުސޫމެވެ.

ބޮމުގެ ހަމަލާއަށް ފާރަވެރިވާން އުފައްދަވާފައިވާ މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 5 މެންބަރުންނެވެ. އެގޮތުން ހިމެނޭ މެންބަރުންނަކީ ރައީސް ނަޝީދު ކަނޑައަޅުއްވާ މެމްބަރަކާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްއާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާމް މުއިއްޒެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މި ގަރާރު ފާސްކުރައްވާފައިވަނީ 100 މެންބަރުންގެ ވޯޓާއެކުއެވެ. ޖަލްސާގައި އެވަގުތު 109 މެންބަރުން ތިއްބެވިއިރު ވޯޓުގައި ބައިވެރިނުވާ 8 މެމްބަރުން ތިއްބެވިއެވެ.

މީގެ އިތުރުން ކޮމެޓީގެ މަސައްކަތްތައް ކުރިއަށްދާގޮތް ހާމަ ކުރުމަށް ކޮންމެ ހަފްތާއަކު ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވު ކުޑަހުވަދޫ ދާއިރާގެ ރައީސް ސާތިރު އަބްދުލް ރަހުމާން ހުށައަޅުއްވާފައިވެއެވެ. މި ހުށައެޅުންވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ގެއިން ނުކުމެގެން ކާރުކޮޅަށް އެރުމަށް ދިޔަ މަގުމަތީގައެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަތަރު މީހެކެވެ. ހައްޔަރުކޮށްފައިވަނީ ބޮންގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށްވާ އަދުހަމް އަހުމަދާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އަދި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ. މީގެ އިތުރުން ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ