އެމެރިކާ ސިފައިން އިސްވެ އޮވެ އަފްގާނިސްތާނަށް ހަމަލާދީ އެގައުމުގައި އޮތް ތޯލިބާން ވެރިކަން ވައްޓާލިތާ 20 އަހަރުދުވަސްވާން ކައިރިވެފައިވާއިރު އެމެރިކާއިން މިހާރުވަނީ އަފްގާނިސްތާނުން ފޭބުމަށް ތޯލިބާނުންނާއެކު އެއްބަސްވުމަކަށް އައިސްފައެވެ.
މި އެއްބަސްވުމުގައި ބުނެފައިވާފަދައިން އެމެރިކާ ސިފައިން އަފްގާނިސްތާނުން ބާލާނެ ކަމަށް އަލަށް އެމެރިކާގެ ވެރިކަމާއި ހަވާލުވެވަޑައިގެން ޖޯ ބައިޑެންވެސްވަނީ ވިދާޅުވެފައެވެ. އަދި ސިފައިން ސެޕްޓެމްބަރުމަހު ބާލާނެކަމަށްވެސް ބައިޑަންވަނީ ވިދާޅުވެފައެވެ. މި އެެއްބަސްވުމާއެކު އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ބޭރުގެ އެހެން ފައުޖުތަކުގެ ސިފައިންވެސް އެގައުމުން ފައިބަން ޖެހެއެވެ.
ނަމަވެސް ތުރުކީ ސަރުކާރުންވަނީ އެގައުމުގެ ސިފައިން އަފްގާނިސްތާނުގައި ބޭތިއްބުމަށް ހުށަހެޅުމެއް ހުށަހަޅައިފައެވެ. މިގޮތުން ތުރުކީ ސަރުކާރުން އެދިފައިވަނީ ކާބުލްގެ އެއާޕޯޓަށް ސެކިއުރިޓ ފޯރުކޮށްދިނުމަށާއި އެއާޕޯތް ހިނގުމަށް ތުރުކީގެ ސިފައިން އަފްގާނިސްތާނުގައި ބޭތިއްބުމަށެވެ. ނަމަވެސް ތުރުކީގެ މި ހުށަހެޅުމަށް ތޯލިބާނުންވަނީ އިންކާރުކޮށްފައެވެ.
ދޯހާގައި ހުއްނެވި ތޯލިބާނުންގެ ތަރުޖަމާން ސުހައިލް ޝާހީން ވިދާޅުވީ، 29 ފެބްރުއަރީ 2020 ގައި އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ތުރުކީގެ ސިފައިންވެސް އަފްގާނިސްތާނުން ފައިބަން ޖެހޭނެ ކަމަށެވެ.
ތުރުކީ ސިފައިންނަކީވެސް ހަނގުރާމަކުރުމުގެ ނިޔަތުގައި މީގެ 20 އަހަރު ކުރިން ނޭޓޯގެ ފައުޖުތަކާއެކު އަފްޣާނިސްތާނަށް އައިސް ތިބި ބައެއްކަން ފާހަގަ ކުރަމުން ތަރުޖަމާން ވިދާޅުވީ، އެހެންކަމުން އެއްބަސްވުމާ އެއްގޮތަށް ނޭޓޯގެ ފައުޖުތަކާއެކު ތުރުކީގެ ސިފައިންވެސް އަފްގާނިސްތާނުން ފައިބަން ޖެހޭނެ ކަމަށެވެ.
މިވަގުތު އެއްގައުމަކުން އެންމެ ގިނަ އަދަދެއްގެ ސިފައިން އަފްގާނިސްތާނުގައި ސިފައިން ހަރަކާތްތެރިވާ ގައުމަކީ ތުރުކީއެވެ. މިގޮތުން އަފްގާނިސްތާނުގައި މިވަގުތު 500 އަށްވުރެ ގިނަ ތުރުކީ ސިފައިން އައްނަނީ ހަރަކާތްތެރިވަމުންނެވެ.