މިސްކިތްތައް ރަނގަޅަށް ބެލެހެއްޓުމާ ގުޅޭގޮތުން ފުލުހުން އަދި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރާއި، މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ، މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.
މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، މިސްކިތްތަކުގެ ކަންކަން ރަނގަޅަށް ބެލެހެއްޓެވުމަށް އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަދި މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޭޔަރ މުއިއްުޒު ބައްދަލުކޮށްފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ ވިދާޅުވެފައިވަނީ، މިސްކިތްތަކުގައި މީހުން މަސްތުވާތަކެތި ބޭނުން ކުރުމާއި، ނިދުމާއި، އެއްޗެހި ދޮވެ، މިސްކިތްތައް ބޭނުން ކުރުން އެކަށީގެން ނުވާ އެހެނިހެން ބޭނުންތަކުގައި މިސްކިތްތައް ބޭނުން ކުރާ ކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބެމުންދާކަމަށެވެ.
ކޮންމެ ރެޔަކު ފުލުހުން މިސްކިތްތައް ބަލައި އެފަދަ ކަންކަމަށް މިސްކިތް ބޭނުންކުރާ ފަރާތްތައް ފޮނުވާލަމުންދާކަމަށާއި، އަދި އޭގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހާލަތްތަކުގައި އެފަދަ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިސްކިތްތަކުގައި މީހުން މަސްތުވާތަކެތި ބޭނުން ކުރާކަމަށާއި އަދި މަސްތުވާތަކެތި މިސްކިތަތެރޭގައި ހުންނަ ޚަތިމްތަކުގައި ފޮރުވާފައި ހުންނަކަމަށްބުނެ ބައެއް ފަރާތްތަކުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.




