ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅު ތަކަށް ކޮންމެވެސް ވަރަކަށް ލުއި ދީފިއެވެ.
އެގޮތުން ލުއި ދީފައި ވަނީ މާލޭ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށެވެ.
ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ނަޒްލާ ރަފީޤް ވިދާޅުވި ގޮތުގައި ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި ކާފިއު ހިންގާ ވަގުތު މާދަމާއިން ފެށިގެން ވަނީ ކުޑަކުރުމަށް ނިންމާފައި ކަމަށާއި އެގޮތުން މާދަމާއިން ފެށިގެން ކާފިއު ހިންގާނީ ހަވީރު 4 އިން ފެށިގެން ފަތިހު 4 އާއި ހަމައަށްކަމަށެވެ.
މިހާރު މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް ހަވީރު 4 އިން ފެށިގެން ހެނދުނު 8 އާއި ހަމައަށް އަންނަނީ ކާފިއު ހިންގަމުންނެވެ.
މީގެ އިތުރުން ކަސްރަތު ކުރުމަށްވެސް ވަނީ ލުއިތަކެއް ދީފައެވެ.
އެގޮތުން ފަތިހު 4 އިން ފެށިގެން ހެނދުނު 8 އާއި ހަމައަށް ހުއްދަ ނެގުމަކާ ނުލައި އެކަނި ކަސްރަތު ކުރުމަށް ނުކުމެނޭނެ ގޮތް ވަނީ ހަދާފައެވެ. މިގޮތަށް ލުއި ދިންނަމަވެސް އަދިވެސް ގްރޫޕް ހަދައިގެން ކަސްރަތު ކުރުމަށް ނިކުތުން ވަނީ މަނާ ކޮށްފައެވެ.
ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުން ދެން ލުއި ދީފައި ވަނީ މިސްކިތްތައް ބަންދު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށެވެ. އެގޮތުން މިސްކިތްތަކުގައި ވަކިން ނަމާދު ކުރެވޭ ގޮތަށް މިސްކިތްތައް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
ކޮވިޑާއި ގުޅިގެން ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައި ވަނީ މި ބަލި ވަރަށް ބޮޑަށް ފެތުރެން ފެށުމާއި ގުޅިގެންނެވެ. އެގޮތުން މީގެ ދުވަސް ކޮޅެެއް ކުރިން ކޮންމެ ދުވަހަކު މި ކޮވިޑަށް ޕޮޒިޓީވްވާ މީހުންގެ އަދަދު ވަނީ ހާހުން މައްޗަށް އަރާ ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓާތަކުގެ އެނދުތައް ފުރިފައެވެ.
މީގެ އިތުރުން މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިންތިޚާއަށް މައްޗަށް ގޮސްފައިވާއިރު، ކުޑަކުދިންނާއި ޒުވާނުންވެސް އަންނަނީ މި ބަލީގައި ނިޔާވަމުންނެވެ.



