މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ލޯންޗުތަކުގެ ތެރޭގައި ފުލުހުން ހުޅުމާލެ ފަޅުތެރެއިން ހުއްޓުވި ލޯންޗު ނުހިމެނޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލިފާން ރޯވި ލޯންޗުތަކުގެ ތެރޭގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ފުލުހުން ހުޅުމާލެ ފަޅުތެރިން ހުއްޓުވި ލޯންޗު ނުހިމެނޭ ކަމަށެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހު ފުލުހުން ހުއްޓުވި ލޯންޗުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ހައްޔަރުކޮށްފައިވާ ތަހުމީން އަހުމަދު އަދި އަދުހަމް އަހުމަދު ތިބި ކަމަށް ފުލުހުން ފުރަތަމަ ބުނެފައިވެއެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ އެ ލޯންޗުގައި އެ ހަމަލާގައި ހައްޔަރު ކުރި އެއްވެސް މީހަކު ނުހިމެނޭ ކަމަށް ބުނެފައެވެ.
އަދި ބުރާސްފަތި ދުވަހު ރޯވި ލޯންޗުތަކުގެ ތެރޭގައި އަދުހަމް އާއި ތަހުމީން ދަތުރުކުރި ލޯންޗު ހިމެނޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަދައްކަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ޕޮލިސްގެ އާންމު ޕެޓްރޯލެއްގެ ތެރެއިން ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިން ރޭގެ ހަ ދުވަސް ކުރިން އެ ލޯންޗުގައި ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަކުރެވިގެން ހުޅުމާލެ ފަޅުތެރެއިން ހުއްޓުވާ ނަސޭހަތް ދިނުމަށްފަހު ފޮނުވާލިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގައިފައި ވަނީ މެރީބްރައުން ކުރިމަތީ ފަޅުގައި އޮތް 3 ލޯންޗެއްގައި އަލިފާން ރޯވެގެންނެވެ. އަދި މި ހާދިސާގައި ތިން ލޯންޗެއްގައި ރޯވެފައިވާއިރު، 6 ލޯންޗަކަށް އަލިފާނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ވެފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މި ހާދިސާގައި ބިދޭސީއަކު ފިހިފައިވާއިރު، އިތުރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމުގެ މައުލޫމާތެއް ނުލިބެއެވެ. އަދި އަނިޔާވި ބިދޭސީ މީހާ ފިހިފައިވަނީ ކިހާ މިންވަރަކަށްތޯ އަދި ސާފެއް ނުވެއެވެ.



