ޔޫތް މިނިސްޓަރ މަޙްލޫފްއާއި، މަޖިލިސް މެންބަރު ޢަލީ އާޒިމް: ފޮޓޯ: ޓްވިޓާ

ބަސްނާހާ ކޮންމެ ފަހަރަކު ޤާނޫނަށް ޑީފޯލްޓްވެ ދަޢުވާގެ ބިރު ބޯމަތިވޭ: ޖަމީލް

ސަރުކާރުގެ ވަޒީރުން ތިބީ ބަސްނާހާ ކޮންމެ ފަހަރަކު ޤާނޫނަށް ޑީފޯލްޓްވެ ދަޢުވާގެ ބިރު ބޯމަތިވެފައިކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ވިދާޅުވީ މިސަރުކާރަށް އެމްއެމްޕީއާރުސީގެ ވައްކަން ވެފައި ވަނީ އެންމެ ބޮޑު އެސެޓަށްކަމަށާއި، އެގޮތުން މެންބަރުންނާއި ވަޒީރުން ތިބީ މޯގޭޖްވެފައިކަމަށެވެ. އަދި އެފަރާތްތަކަށް، ބަސްނާހާ ކޮންމެ ފަހަރަކު ޤާނޫނަށް ޑީފޯލްޓްވެ ދަޢުވާގެ ބިރު ބޯމަތިވަމުން އަންނަކަމުގައި ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޖަމީލް މިހެން ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ލިސްޓްގައި ނަން އޮތް މިހާރުގެ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފަށް ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލިކަމަށް ބުނެ ފެތުރިފައިވާ ވާހަކަތައް އެ އޮފީހުން ވަނީ ދޮގުކޮށްފައެވެ.

އެގޮތުން މަޙްލޫފްގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވި މައްސަލާގައި ޤާނޫނީ މައްސަލަތަކެއް ހުރުމާއި ގުޅިގެން އެ މައްސަލަ އަނބުރާ ފޮނުވާލާފައިވާކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

ނަމަވެސް ޕީޖީ އޮފީހުން މިއަދު ވިދާޅުވެފައި ވަނީ މަޙްލޫފްގެ މައްސަލަ އަނބުރާ ފޮނުވާ ނުލާކަމަށާއި، އެހެން ނަމަވެސް އެމައްސަލާގައި އިތުރު ބައެއް ލިޔެކިޔުންތައް ބޭނުންވާތީ، އެތަކެތި ހުށަހެޅުމަށް އެދިފައި ވާކަމަށެވެ. އަދި ކުރިން އިސްލާހު ކުރުމަށް އެ އޮފީހުން އެދުނު ބައެއް ކަންކަން އިސްލާހު ކުރުމަށް ވެސް އެދިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން މަޙްލޫފް ވަނީ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާގެ އިސްތިއުފާއަށްވެސް ގޮވާލައްވާފައެވެ.

މަޙްލޫފް ވިދާޅުވީ، އޭނާއަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫންކަމަށާއި، ކަންކުރަން ނޭނގޭނަމަ އިސްތިއުފާ ދެއްވުން މާ ރަނގަޅުވާނެކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި މަހްލޫފް މައްޗަށް ދައުވާކޮށްފައި ވަނީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕްރޮގްރެސިިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާކަން އެނގޭ ކަމަށް ބުނެއެވެ.

މަޙްލޫފްގެ އިތުރުންވެސް މި ސަރުކާރުގެ ބައެއް އިސް މަޤާމްތަކުގައި ތިއްބެވި ފަރާތްތަކާއި، އެމްޑީޕީގެ ބައެއް މަޖްލިސް މެންބަރުންގެ ނަންވެސް ވަނީ ޚިޔާނާތުގެ ލިސްޓްގައި ހިމެނިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ