އަފްގާނިސްތާނުގައި އެމެރިކާވަނީ ނާކާމިޔާބުވެފައި: ކަރުޒާއީ

އަފްގާނިސްތާނަށް އަމަންއަމާންކަން ގެނެސްދިނުމުގައާއި ހަރުކަށިފިކުރުގެ މީހުންނާއި ހަނގުރާމަކުރުމުގައި އެމެރިކާއިން ނާކާމިޔާބުވެފައިވާކަމަށް އަފްގާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީ ވިދާޅުވެއްޖެއެވެ.

އެސޯސިއޭޓެޑް ޕްރެސްއަށް އާދިއްތަ ދުވަހު ދިން ބަސްތީގަތުމެއްގައި ކަރުޒާއީ ވިދާޅުވީ، 20 އަހަރު ދުވަސްވަންދެން އެމެރިކާއިން އަފްގާނިސްތާނުގައި ކުރިއަށް ގެންދިޔަ އަމަންއަމާންކަން ހޯދައި ދިނުމުގެ މިޝަން ނާކާމިޔާބުވެފައިވާކަމަށެވެ. އަފްގާނިސްތާނުން އެމެރިކާއާއި ނޭޓޯ ސިފައިން ފައިބާދަނީ ބޮޑު ހަޑިއެއް ދޫކޮށްފައި ކަމަށެވެ.

"މީގެ 20 އަހަރުކުރިން ބައިނަލްއަގްވާމީ މުޖުތަމައުން މިތަނަށް އައިސްފައިވަނީ ހައްދުފަހަނައަޅާފައިވާ މީހުންނާއި ހަނގުރާމަކޮށް އަމަންއަމާންކަން ގާއިމުކުރުމުގެ މަގުސަދުގައި ނަމަވެސް، ހައްދުފަހަނައަޅައި ދިއުމުގެ ހަރަކާތްތައް މިއަދު ހުރީ އޭގެ އެންމެމަތީ ހަރުފަތުގައި އެހެންވީމާ އެމީހުން (ބައިނަލްއަގްވާމީ މުޖުތަމައުން) ނާކާމިޔާބުވެއްޖެ" ކަރުޒާއީ ވިދާޅުވިއެވެ.

ކަންމިހެން ހުރިނަމަވެސް ކަރުޒާއީ ވިދާޅުވީ، ބޭނުންވަނީ ބޭރުގެ ފައުޖުތައް އަފްގާނިސްތާން ދޫކޮށް ދިއުމަށް ކަމަށެވެ. އަސްކަރީ ފައުޖުތައް ބޭލުން މާރަނގަޅުވާނެ ކަމަށާއި ގައުމުގެ ރައްޔިތުން އެކަތިގަޑަކަށްވެ ގައުމަށް އަމާންކަން ގެނެވިދާނެ ކަމަށެވެ.

ކަރުޒާއީ އަފްގާނިސްތާނުގެ ރައީސްކަމަށް އިންތިހާބު ވެފައިވަނީ އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރައި ތޯލިބާނުންގެ ވެރިކަން ވައްޓާލިފަހުން 22 ޑިސެމްބަރ 2001 ގައެވެ. ޖުމްލަ 13 އަހަރު ކަރުޒާއީ އަފްގާނިސްތާނުގައި ވެރިކަން ކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ