ހުށަހެޅިފައި އޮތީ ފަނޑިޔާރު ޑީޑީގެ މައްސަލަ އެކަނި - ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ފިޔަވައި އެ ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅިފައި ނެތްކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އޭގެ ފަހުން އެ އަމުރުގެ ބައެއް ބައިތައް ބާތިލްކޮށް، ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ދެކޮޅަށް ބަޔަކު ޖޭއެސްސީއަށް ޝަކުވާ ހުށަހެޅި ކަމުގެ އަޑުތަކެއް ރޭ ވަނީ މީޑިއާ ފެތުރިފައެވެ.

"ސުޕްރީމް ކޯޓުގެ އިތުރު އެއްވެސް ފަނޑިޔާރެއްގެ މައްސަލަ އަދި ޖޭއެސްސީއަށް ހުށަހެޅިފައި ނުވާކަމުގައި ދަންނަވަން." ޖޭއެސްސީ އިން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ފިޔަވައި އެ ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅިފައި ނެތްކަމަށް އެ ކޮމިޝަނުން ވިދާޅުވިއިރު، ފަނޑިޔާރު ޑީޑީގެ ސުލޫކީ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކުރަން ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.

ހަމައެއާއެކު ޖޭއެސްސީގެ ފަސް މެންބަރަކާ ގުޅޭ މައްސަލައެއް ޑީޑީ ވަނީ ފުލުހުންނަށް ރޭ ހުށަހަޅައިފައެވެ. އެ މައްސަލައާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، އެމައްސަލައަކީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް މައްސަލަ ދިރާސާކޮށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް