ކުރިޕްޓޯ ކަރަންސީ ނުވަތަ ޑިޖިޓަލް ކަރަންސީއަށް އެއްބާރުލުން ނުދިނުމަށް ބޭންކުތަކަށާއި ޕޭމަންޓް ޕްލެޓްފޯމްތަކަށް ޗައިނާއިން އަންގައިފިއެވެ.
މިއާއެކު ޗައިނާއިންވަނީ ކުރިޕްޓޯ ކަރަންސީއެއް ކަމަށްވާ ބިޓްކޮއިން މައިނިންގެ މަސައްކަތްތައް ކުރިއަށް ގެންދާ ސިޗުއާން ޕްރޮވިންސަށް އެ މަސައްކަތްތައް ހުއްޓާލުމަށްވެސް އަންގައިފައެވެ.
ޗައިނާގެ މި ނިންމުންތަކާއެކު ބިޓްކޮއިންގެ އަގުވަނީ އިއްޔެ 10 އިންސައްތައަށް ދައްވެފައެވެ. އަދި މިއަދުވެސްވަނީ މިއަގު އިތުރަށް ދައްވެފައެވެ. މިވަގުތު މާކެޓުގައި ބިޓްކޮއިން އެއްގެ އަގު އުޅެނީ 30،000 އެމެރިކާ ޑޮލަރަށްވުރެ ދަށުގައެވެ. އޭޕްރީލްމަހު މި ކުރިޕްޓޯ ކަރަންސީގެ އަގު 63،000 އެމެރިކާ ޑޮލަރަށްވުރެވެސް މަތިވެގެން ގޮސްފައި ވެއެވެ.
ހޯމަދުވަހު ޗައިނާގެ މައި ބޭންކު ކަމަށްވާ، ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ) އިން ބުނެފައިވަނީ ގިނަ ބޮޑެތި ބޭންކުތަކާއި އަދި ޕޭމެންޓް ކޮމްޕެނީތައް ހާޒިރުކޮށް ކުރިޕްޓޯ ކަރަންސީ ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އަންގައިފައިވާނެ ކަމަށެވެ.
ޔުނިވާރސިޓީ އޮފް ކޭމްބްރިޖުން ހެދި ދިރާސާއެއް ދައްކާގޮތުން މިދިޔަ އަހަރު މުޅި ދުނިޔޭގައި މައިން ކުރެވުނު ބިޓްކޮއިންގެ 65 އިންސައްތައަކީ ޗައިނާގައި މައިން ކުރެވުނު ބިޓްކޮއިންއެވެ.



