ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު އެނިމޭޓެޑް ފިލްމު "ސިންގް" ގެ ދެވަނަ ބައިގެ ޓްރެއިލާ ދައްކާލައިފިއެވެ.
ޔުނިވާސަލް ޕިކްޗާސް އިން ގެނެސްދޭ މި ފިލްމްގެ ދެވަނަ ބައިގެ ޓްރެއިލާ މީގެ ދެ ދުވަސް ކުރިންދައްކާލާފައިވާއިރު، މި ފިލްމް އެންމެ ފުރަތަމަ ސިނަމާތަކުގައި އަޅުވަން ނިންމީ މިދިޔަ އަހަރުއެވެ. ނަމަވެސް އޭރު މި ފިލްމް ވަނީ މިއަހަރުގެ ޖުލައި މަހަށް ފަސްކޮށްފައެވެ.
މި އެނިމޭޓެޑް ފިލްމަކީ، ލަވަ މުބާރާތެއްގެ ތެރެއިން ހިނގާ މަޖާ ކަންތައްގަނޑެއް ދައްކުވައިދިން ފިލްމެކެވެ. މި ފިލްމުގެ ކެރެކްޓާތަކަކީ ޖަނަވާރުންނެވެ.
ފަސް އަހަރު ފަހުން މި ފިލްމްގެ ސީކުއަލް އެއް ގެނެސްދޭއިރު، ފުރަތަމަ ބަޔަށް އަޑު އަޅައި ދީފައިވާ ފަންނާނުން ކަމުގައިވާ ރީޒް ވިދަސްޕޫން، މެތިން މެކްކޮނަހީ، ސްކާލެޓް ޖޮހަންސަން، ޓޯރީ ކެލީ އަދި ނިކް ކްރޯލް ދެވަނަ ބަޔަށްވެސް އެނބުރި އަންނާނެއެވެ. މީގެ އިތުރުން، އާ ކާސްޓުންގެ ތެރޭގައި ބޮނޯ އާއި ލަޔަން ކްލޭ ކަލަވޭ ފެނިގެންދާނެއެވެ.
ސިންގް ގެ ދެވަނަ ބައިގެ ވާހަކަ ލިޔެ ޑައިރެކްޓް ކޮށްފައިވަނީ، ފުރަތަ ބައިގެވެސް ޑައިރެކްޓަރ ގާތު ޖެނިންގްސް އެވެ.
މި ފިލްމް މިހާރު ރިލީޒްކުރަން ތާވަލު ކޮށްފައި އޮތީ ޑިސެމްބަރު މަހުގެ 22 ގައެވެ.



