ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ އިޖުތިމާއީ ގައިދުރުކަމުގެ މިންގަނޑާ ހިލާފުވި އިނގިރޭސިވިލާތުގެ ހެލްތް ސެކެރެޓަރީ މަގާމުން އިސްތިއުފާދީފިއެވެ.
އިނގިރޭސިވިލާތުގެ ހެލްތް ސެކެރެޓަރީ މެޓް ހޭންކޮކް މަގާމުން އިސްތިއުފާދީފައިވަނީ އޭނާއެކު މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް ދޮނެއްދޭ ވީޑިއޯއެއް އާންމުވެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެންނެވެ.
މި ވީޑިއޯ އާންމުކުރި ސަން އިން ބުނެފައިވަނީ މި ވީޑިއޯ ނަގައިފައިވަނީ މޭ 6 ވަނަ ދުވަހު ޑިޕާޓްމެންޓް އޮފް ހެލްތް އިން ކަމަށެވެ. އާންމުވި ވީޑިއޯއިން ފެއްނަ އަންހެން މުވައްޒަފަކީ ޖީނާ ކޮލަޑެންޖެލޯގެ ފިރިއަކު ހުންނައިރު އޭނާއަށް ތިންކުދިން ލިބިފައި ވެއެވެ.
ހޭންކޮކްގެ އިސްތިއުފާއާއި ގުޅިގެން ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ހޭންކޮކް އިސްތިއުފާ ދެއްވުމުން "ހިތާމަ ކުރައްވާ" ކަމަށާއި، އޭނާ ކޮށްދެއްވި ހިދުމަތްތަކާ މެދު "ފަހުރުވެރި ވާން ޖެހޭ" ކަމަށެވެ.
ހޭންކޮކްގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ، "މި ބަލިމަޑުކަމުގައި އެތައް ގޮތަކުން ގުރުބާނީތައް ވެފައިވާ މީހުންގެ ހައްގުގައި ތެދު ބުނުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް" ކަމަށެވެ.