2016 ވަނަ އަހަރު ރިލީޒްކުރި ހޮރޯ ތްރިލާ ފިލްމް، "ޑޯންޓް ބްރީތް"ގެ ސީކުއަލްގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފިލްމްގެ ޓްރެއިލާ މިދިޔަ މަހުގެ 30 ގައި ބެލުންތެރިންނަށް ދައްކާލައިފައިވާއިރު، އެކްޓަރ ސްޓީފަން ލޭންގް އަދާކުރި ރޯލުން އޭނާ ދެވަނަ ބައިގައިވެސް ފެނިގެންދެއެވެ.
ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމްގައި، ސްޓީފަން ފެނިގެންގޮސްފައި ވަނީ، ކަނު އެހެން ނަމަވެސް، މީހުން މަރާ މީހެއްގެ ރޯލުންނެވެ. އެގޮތުން ފިލްމްގެ ފުރަތަމަ ބައިގައި، ދެ ވަގަކު އޭނަގެ ގެއަށް ވައްކަން ކުރަން ވަންނައިރު އެގޭގައި އެމީހުން ތާށިވެއެވެ. އަދި އެމީހުން މަރާލުން ސްޓީފަން މަސައްކަތް ކުރެއެވެ. އަދި ފަހުން އޭނަގެ އިތުރު ސިއްރުތަކެއް ފަޅާއަރާއިރު، އެގޭގައި އަންހެނަކު ރޭޕް ކޮށް ބަނޑުބޮޑު ކުރުމަށްފަހު ހައްޔަރުކޮށްގެން ގެންގުޅޭކަންވެސް ފަޅާއަރައެވެ.
މި ފިލްމްގެ ދެވަނަ ބައިގެ ޓްރެއިލާއިން، ސްޓީފަން ހަމަ އެ ރޯލުން ފެނިގެންދާއިރު، ވާހަކަ ފެށެނީ ފުރަތަމަ ބައިގައި ހިނގާ ހާދިސާގެ އެތައް އަހަރެއް ފަހުންނެވެ. އެގޮތުން ޓްރެއިލާއިން ފެންނަ ގޮތުގައި އޭނާ ދިރިއުޅެމުން އަންނަނީ، އަލިފާނުގެ ހާދިސާއެއްގައި އާއިލާ މަރުވި. ޔަތީމު އަންހެން ކުއްޖަކާއެކުއެވެ. އަދި މިފަހަރުވެސް ދެ ވަގަކު އެގެއަށް ވަންނަ މަންޒަރު ޓްރެއިލާއިން ފެނިގެންދެއެވެ. އަދި ވަދެ އެ އަންހެން ކުއްޖާ ކިޑްނެޕް ކުރާ މަންޒަރު ފެނެއެވެ.
ދެވަނަ ބައިގެ ޓްރެއިލާ ދައްކާލާފައިވާއިރު، ފުރަތަމަ ފިލްމެކޭ އެއްފަދައިން، ދެވަނަ ބައިގެ ޓްރެއިލާއިން ސިއްސުވާލާ އަދި ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ މަންޒަރުތައް ފެނިގެންދެއެވެ.
މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް 13 ގައެވެ.




