ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށް ސަރުކާރަށާއި އެމްޑީޕީއަށް ގޮވާލައިފި

ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށް ސަރުކާރަށާއި އެމްޑީޕީއަށް އިދިކޮޅު ޕްރޮގްރެޒިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އެކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، ދިޔަރެސް ނޫހުގެ ކޯ ފައުންޑަރ އަދި ޗީފް އެޑިޓަރ އަޙްމަދު އަޒާންއަށް އަމާޒުކޮށް ބިރުދެއްކުމުގެ ގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ނެރެފައިވާ ބަޔާން މި ކޯލިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ.

މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމަށްވީހިނދު، މިއީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭފަދަ އަދި ނޫސްވެރިންގެ ގަލަމުގެ މިނިވަންކަމަށް އަރައިގަނެވޭފަދަ ކަމެއް ކަމުގައިވެސް ދެކޭކަމަށްވެސް މިބަޔާނުގައި ވެއެވެ.

މީގެއިތުރުން މީޑިއާގެ ފަރާތްތަކަށް މިނިވަންކަމާއެކު ޙަރަކާތްތެރިވެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަކީ ކަމާބެހޭ މުއައްސަސާތަކުން ކުރަންޖެހޭ ކަމަކަށްވާއިރު، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ މިފަދަ އިންޒާރުތަކާއި ބިރުދެއްކުމުގެ ޢަމަލުތައް ބަލާ އެފަރާތްތަކަށް ރައްކާތެރި މާޙާއުލެއް ޤާއިމްކޮށްދިނުމަށް މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް އިދިކޮޅުންވަނީ ގޮވާލާފައެވެ.

އަދި ވަކި ފަރާތަކަށް ނުޖެހި މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ މަގު ފަހި ކޮށްދިނުމަށްވެސް ގޮވާލާފައިވާއިރު، ރާއްޖޭގެ މީޑިއާތަކުގައި ނޫސްވެރިން ލިޔާ ލިޔުންތަކާއި ގުޅިގެން އެކަން ހުއްޓުވުމަށް ބޭރުގެ އެކި ފަރާތްތަކުން ސަރުކާރު މެދުވެރިކޮށް ފިއްތާ ފިއްތުންތަކުގެ ސަބަބުން ސަރުކާރުގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކުން ނޫސްވެރިންގެ އަނގަ ބަންދުކޮށް ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަމަށްވެސް އިދިކޮޅުގެ މިބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ