މިއަހަރުގެ ދެވަނަ ޔޫތް ލީޑާރސް ނެޓްވޯކް ފޯރަމް ކާމިޔާކަމާއެކު ނިންމާލައިފިއެވެ.
ޔޫތް ލީޑާރސް ނެޓްވޯކަކީ ޒިންމާދާރު ރައްޔިތުން ބިނާކޮށް ޤައުމީ ރޫޙާއި އެއްބައިވަންތަކަން ދިރުވަން ޔުނިވަރސިޓީ އަދި ކޮލެޖް ދަރިވަރުން އެކުލެވޭ ގޮތަށް އުފައްދާފައިވާ ކައުންސިލެކެވެ. އެކައުންސިލް އެކުލަވާލެވި މަސައްކަތްކުރަމުންދާނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ބެލުމުގެ ދަށުންނެވެ.
ކޮލެޖް ޔުނިވަރސިޓީތަކުން 150 ދަރިވަރުން ބައިވެރިވި، ފޯރަމްގެ ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ހުޅުމާލޭ ހުރަވީ ސުކޫލްގައެވެ.

"ތަހައްމަލުކުރުމުގެ ޘަޤާފަތް - މުޖުތަމަޢުގެެ ހަމަޖެހުން" މިޝިޢާރުގެ މައްޗަށް މިފަހަރުގެ ފޯރަމް އަމާޒުކޮށްފައިވާއިރު، ޝިއާރާ ގުޅުންހުރި ތަފާތު ހަ ދާއިރާއަކުން ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ބޭފުޅުން ވަޑައިގެން ފޯރަމުގެ ބައިވެރިންނަށް މައުލޫމާތު ޙިއްޞާކޮށް، މަޝްވަރާކުރައްވާފައިވެއެވެ.
ފޯރަމްގައި މަޢުލޫމާތު ޙިއްޞާކޮށްފައިވާ ދާއިރާތަކަކީ ޓޮލަރަންސް އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ހެރިޓޭޖް އެންޑް ޓޮލަރަންސާއި، ލީޑަރޝިޕާއި ޓޮލަރަންސާއި، އިސްލާމް އަދި ޓޮލަރަންސާއި، ޕީސް އެންޑް ޓޮލަރަންސާއި، ޕޮލިޓިކަލް ޓޮލަރަންސެވެ.

ޔޫތް ލީޑާރސް ނެޓްވޯކުން ވަނީ މިހާތަނަށް އައްޑު އަތޮޅާއި، ފުވައްމުލަކާއި، ހދ.ކުޅުދުއްފުއްޓާއި، ލ.ގަމާއި، ދ.ކުޑަހުވަދޫއާއި، ގއ.ވިލިނގިލީގެ އިތުރުން ހޯރަފުށީގައިވެސް ފޯރަމް ކުރިއަށްގެންގޮސްފައެވެ. މިއަހަރުގެ ފުރަތަމަ ފޯރަމް ފެބްރުއަރީ މަހު ބޭއްވީ ހޯރަފުށީގައެވެ.



