ކޮވިޑް-19 ގެ ޕެންޑެމިކް އަށް ފަހު ރިލީޒްކުރި ފިލްމް ތަކުގެ ތެރެއިން ދުނިޔެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހޮލީވުޑް ފިލްމަކަށް "ފާސްޓް އެންޑް ފިއުރިއަސް" ގެ ނުވަ ވަނަ ބައި ވެއްޖެއެވެ.
މި ފިލްމް ތިއޭޓަރ ތަކުގައި ރިލީޒްކޮށްފައި ވަނީ މިދިޔަ މަހުގެ 25 ގައެވެ.
ގިނަ ބައެއްގެ މަޤުބޫލުކަން ހޯދައިފައިވާ މި ފްރެންޗައިޒް ފިލްމްގެ ނުވަ ވަނަ ބައި ވެގެންގޮސްފައިވަނީ، ކޮވިޑް ޕެންޑެމިކް ތެރޭ ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން ދުނިޔޭގެ ބޮކްސް އޮފީހުގައި އެންމެ ފުރަތަމަ 500 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދި ފިލްމަށެވެ.
ފާސްޓް އެންޑް ފިއުރިއަސްއަކީ ޔުނިވާސަލް ޕިކްޗާސް އިން ގެނެސްދޭ އެންމެ ބޮޑު ފިލްމު ފްރެންޗައިޒް އެވެ. މި ފިލްމްގެ ފުރަތަމަ ބައި ރިލީޒްކުރީ 2001 ވަނަ އަހަރުއެވެ.
މި ފިލްމް ފެށިގެން އައިރު، ފިލްމްގައި ހަރަކާތްތެރިވި ލީޑު ތަރި "ޕޯލް ވޯކަރ" ވަނީ ކާރު އެކްސިޑެންޓެއްގައި 2013 ވަނަ އަހަރު މަރުވެފައެވެ. އަދި މި ފްރެންޗައިޒްގެ 7 ވަނަ ބަޔަކީ ޕޯލް ވޯކަރ އެންމެ ފަހުން ފެނިގެންދިޔަ ފިލްމްވެ.
މިފަހަރުގެ ފިލްމްގައިވެސް ކުރީގެ ފިލްމްތަކުން ފެނިގެންދިޔަ ތަރިންތައް އެމީހުން ކުޅެފައިވާ ރޯލުން ފެނިގެންގޮސްފައިވެއެވެ.
ވިން ޑީޒަލްގެ އިތުރުން ކުރީގެ ފިލްމްތަކުން ފެނިގެންދިޔަ ތަރިންގެ ތެރެއިން، މިޝެލް ރޯޑްރީގްއޭޒް، ޓައިރީޒް ގިބްސަން، ޖޯރޑާނާ ބްރިއުސްޓާ، ކްރިސް ބްރިޖެސް، ނެތެލީ އެމްނުއެލް، ހެލެން މިރެން، އަދި ޗާލީޒް ތްރެން، ފިލްމްގެ 9 ވަނަ ބައިން ފެނިގެންދިޔައެވެ.
މީގެ އިތުރުން، ފިލްމްގެ އާ ކާސްޓުންގެ ތެރޭގައި ހިމެނެނީ، ޖޯން ސީނާ ގެ އިތުރުން، ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ އާއި އޮޒުނާ އެވެ.



