2019 ވަނަ އަހަރު ޑާކް ރެއިން އިން ރިލީޒްކުރި ފިލްމް، "ގޮށްރާޅު" މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕްލިކޭޝަނާއި އަދި ޓީވީގައި ދައްކަން ފަށައިފިއެވެ.
މި ފިލްމް އޯޓީޓޯ ޕްލެޓްފޯމަށް ގެންނަން ނިންމައިފައިވާކަން ކުރިންވެސް ޑާކްރެއިން ވަނީ ބުނެފައެވެ. އެގޮތުން މި ފިލްމް މަލްޓި ސްކްރީން އެޕްލިކޭޝަނުން ބަލާލެވޭއިރު، މަލްޓި ސްކްރީން ޓީވީގައިވެސް ސްޓްރީމް ކުރާނެއެވެ.
ޑާކް ރެއިން އެންޓެޓެއިންމެންޓްގެ ކުޑައިގެ ދަށުން ގެނެސްދިން ފިލްމް، ގޮށްރާޅާކީ ކްރައިމް ތްރިލާ ޖޯންރާ އަކަށް މުއުމިން ފުއާދު ސްކްރީންޕްލޭ ހަދައިފައިވާ، މުޙައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް، ސިނެމޮޓޯގްރަފަރ އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މި ފިލްމަކީ ޑާކް ރެއިން އެންޓެޓެއިންމެންޓްގެ 11 ވަނަ ފީޗަރ ފިލްމެވެ. ފިލްމް ސިނަމާތަކުގައި 2019 ވަނަ އަހަރު އެޅުވިއިރު، މި ފިލްމަށް ގިނަ ބައެއްގެ ތައުރީފް ވަނި ލިބިފައެވެ. އެގޮތުން މިފިލްމަކީ މިހާތަނަށް ރާއްޖޭގައި އަޅުވައިފައިވާ އެންމެ މޮޅު ކްރައިމް ތްރިލާ ފިލްމް ކަމަށް ބުނެ ފިލްމް ބަލާފައިވާ ގިނަ ބަޔަކު ފިލްމުގެ މޮޅުކަމުގެ ވާހާކަ ދައްކާ މީސްމީޑިއާގައި ފިލްމަށް ތައުރީފް ކޮށްފައިވެއެވެ.
ގޮށްރާޅު މި ފިލްމަކީ ދިވެހި މުޖުތަމަޢުގައި ހިނގާ ނޭދެވޭ މައްސަލަތަކުގެ މައްޗަށް ބިނާކޮށް، އަދުގެ މުޖުތަމަޢުގެ ހާލަތު ދައްކުވައިދޭ ފިލްމެކެވެ. 18 އަހަރުން މަތީގެ ޒުވާނުންނަށް ހާއްސާކޮށް ހަދާފައިވާ މި ފިލްމަކީ، މާރާމާރީގެ މަންޒަރުތަކާއި، މަސްތުގެ ދުނިޔޭގެ ހާލަތު ދައްކުވައިދޭ، އަދި އެކަމުގެ ސަބަބުން އާޚިރުގައި ކަންތައްތައް ވާނެގޮތް ދައްކުވައިދޭ، އިބްރަތްތެރި މެސެޖްތަކެއް ފޯރުކޮށްދޭ ފިލްމެކެވެ.
މި ފިލްމްގެ އިތުރުން ޑާކް ރެއިންގެ "ގުޅުން"ވެސް މީޑިއާނެޓް މަލްޓި ސްކްރީންގައި ވަނީ ސްޓްރީމް ކުރަންފަށައިފައެވެ. އަދި މި މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޑާކް ރެއިންގެ އިތުރު ފިލްމްތައް ސްޓްރީމް ކުރަން ވަނީ ނިންމައިފައެވެ.



