ރާއްޖޭގެ އެންމެ ފުންނާބު އުސް ފިލްމް ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭ ވެބް ސީރީޒް "ގިރިޓީ ލޯބި" ސްޓްރީމް ކުރާނީ ބައިސްކޯފު މެދުވެރިކޮށް ކަމަށް އެ ޕްރޮޑަކްޝަން އިން ބުނެފިއެވެ.
ދިވެހި މީޑިއާތަކަށް މައުލޫމާތު ދެމުން ޑާކްރެއިންގެ ބާނީ މުޙައްމަދު ޢަލީ (މޮގާ) ބުނީ، އަންނަ އޮކްޓޯބަރު މަހު ސީރީޒްގެ މަސައްކަތް އެއްކޮށް ނިއްމާލެވި، ނޮވެމްބަރު މަހު ނުވަތަ ޑިސެމްބަރު މަހު ބައިސްކޯފުގައި ސްޓްރީމް ކުރަން ފަށާނެ ކަމަށެވެ.
އައިޝަތު ފުއާދު ތައުފީގް އަދި މޮގާ ޕްރޮޑިއުސްކުރާ މި ސީރީޒްގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ)އެވެ. ސީރީޒްގެ ސްކްރީން ރައިޓަރަކީ އަހްމަދު ޒަރީރު އެވެ.
މި ސީރީޒްގެ މަސައްކަތް ފަށައިގެން އުޅޭތާ މިހާރު ދުވަސްތަކެއް ވެފައިވާއިރު، ސޯޝަލް މީޑިއާގައި ޑާކް ރެއިން އިން އަންނަނީ މި ސީރީޒްގެ އަޕްޑޭޓްތައް ދެމުންނެވެ. "ގިރިޓީ ލޯބި" އަކީ ޑްރާމާ އާއި ކޮމެޑީ އެކުލެވިގެންވާ ވެބް ސީރީޒެކެވެ.
"ގިރިޓީ ލޯބި"ގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ މުޙައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ)ގެ އިތުރުން މުޙައްމަދު މަނިކު، އަޙްމަދު ސަޢީދު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ހިމެނެ އެވެ. މީގެ އިތުރުން މުޅިން އާ މޫނު ތަކެއް ވެސް މި ސީރީޒުން ފެންނާނެ ކަމަށް މޮގާ ބުނެފައިވެއެވެ.




