ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބެހޭގޮތުން ދޮގު ހަބަރު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ސަފީރުންނާއި، ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމޭޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔުންތައް ޝާއިޢުކުރަމުންދާކަމުގެ ޝަކުވާ ކަމާ ބެހޭ އެކި ފަރާތްތަކުން އެ ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް މީޑިއާ ކައުންސިލުން ވިދާޅުވިއެވެ.
މީޑިއާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އެއްވެސް ޤައުމަކާމެދު އޮންނަ ޚާރިޖީ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ކަނޑައެޅިގެން ދޮގު ޚަބަރު ފެތުރުމަކީ، އެއްވެސް މީޑިއާއަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
އަދި ރާއްޖޭގައި ހުރި ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި މިފަދަ ކަންކަމަކީ، އޭގެ ސަބަބުން ރާއްޖެއާއި ދޭދޭ ޤައުމުތަކާއެކު އޮތް ގުޅުމަށް ބުރޫއަރައި، ވަކި ޤައުމަކާމެދު އާންމު ރައްޔިތުން ދެކޭ ގޮތް ބަދަލުވުމުގެ ސަބަބުން ޖުމްލަ ގޮތެއްގައި މުޅި ޤައުމަށް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއް ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ ހައްޤު ހަމަ ގޮތުގައި ބޭނުން ކުރުމަށާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދާއި އަދި ކޯޑް އޮފް އެތިކްސްއާ އެއްގޮތްވާގޮތުގެ މަތިން ޒިންމާދާރުކަމާއެކު ޚަބަރުތައް ފެތުރުމަށް އެންމެހާ ނޫސްވެރިންނާއި މީޑިއާތަކަށް އިލްތިމާސްކުރަން." އެ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއިން ބައިވެރިވެފައިވާ ހުރިހާ ބައިނަލް އަޤުވާމީ މުއާހަދާތަކަށްވެސް އިހުތިރާމްކުރުމާއެކު، ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޤައުމީ މަސްލަހަތު އިސްކުރުމަށް ސަމާލުކަން ދިނުމަށް އެ ކައުންސިލުން ބާރުއަޅާ ކަމަށް ވިދާޅުވިއެވެ.



