ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ޖޭއެސްސީއަށް ހާޒިރުވާން އަންގައިފިއެވެ.
މިރޭ 10:00 އަށް އޭނާ ޖޭއެސްސީ އަށް ހާޒިރުވާން އެނގި ނަމަވެސް މިހާތަނަށް އޭނާ ހާޒިރުވިކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ. އަދި ޖޭއެސްސީން މިރޭ އޭނާ ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަންވެސް ވަނީ ސާފުވާގޮތް ނުވެފައެވެ.
ފަނޑިޔާރު ޑީޑީ ޖޭއެސްސީން ސަސްޕެންޑްކުަރަން ނިންމާފައިވާއިރު އޭނާގެ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ވަނީ ޖޭއެސްސީގެ ފަސް މެންބަރެއްގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައެވެ.
ޑީޑީގެ މައްސަލަ ޖޭއެސްސީ އިން ބަލަން ފެށުމުން އޭނާ ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅާފައެވެ. އެ މައްސަލައާ ގުޅިގެން މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނިމެންދެން އޭނާއާ މެދު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.