"ބަވަތި" - ތަފާތު ދައްކާނެ ސަޅި ފިލްމެއް

މިވަގުތު ދިވެހި މީޑިއާތަކުގައި އެ ފިލްމަކާ ބެހޭގޮތުން އެންމެ ގިނައިން ދެކެވެމުންދާ އެއް ފިލްމަކީ، ޑައިރެކްޓަރ އިލްޔާސް ވަހީދު ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި“ ގެ ވާހަކައެވެ.

ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ތަފާތު ކޮންސެޕްޓްއެއްގެ މައްޗަށް އުފައްދާ ފިލްމެއްކަން ފިލްމްގެ ޓީޒާ ބަލާލުމުންވެސް ހާމަވެއެެވެ.

ފިލްމާ ބެހޭ ގޮތުން ފިލްމްގެ ޑައިރެކްޓަރ ބުނީ، މި ފިލްމަކީ ފިލްމާ ބަލާ ފަރާތްތަކަށް އިބުރަތްތެރި މެސެޖް ތަކެއް ލިބިގެންދާނެ ސަސްޕެންސް ތްރިލާ ފިލްމެއްކަމަށެވެ.

"ބަވަތި" މި ފިލްމުގައި މުހިންމު ރޯލްތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި އަރަމުން އަންނަ ޒުވާން ތަރި، ނުޒުހަތު ޝުއައިބު (ނުޒޫ) ހިމެނެއެވެ. އަދި މައިގަނޑު ރޯލުން ދެން ފެނިގެންދާނީ ފިލްމީ ދާއިރާއަށް މުޅިން އައު ފަންނާނެއްކަމަށްވާ އިފްނާޒް ފިރާގެވެ. ދެން ފިލްމްގެ އެހެން ރޯލުތަކުންވެސް ފެނިގެންދަނީ ދިވެހި ފީޗާ ފިލްމަކުން އަލަށް ތަޢާރަފްވާ ފަރާތްތަކެވެ.

އިލްޔާސް ވަހީދުގެ ސްކްރީން ޕްލޭވެސް ލިޔެފައިވާ މި ފިލްމްގައި ކިޔައިދެނީ، ފޮނި އުއްމީދުތަކަކާއެކު ޒަވާޖީ ހަޔާތެއް ފަށާ ނުޒޫ އަދި އިފްނާޒްގެ ހަޔާތުގައި ދިމާވާ ތަފާތު ހާދިސާއެކެވެ. ނުޒޫއަކީ ހަޔާތުގެ ކުރީކޮޅު އާއިލީ މައްސަލަތަކެއްގެ ދިމާވެފައިވާ ކުއްޖެކެވެ. އަދި މި ސަބަބާގުޅިގެން، ނުޒޫ އުފަލުގައި ބަހައްޓައިދޭނެކަމުގެ ޔަގީންކަން ދިނުމުން، ފޮނި އުއްމީދުތަކާއެކު މިދެމަފިރިންގެ ދިރިއުޅުން މާލެއަށް ބަދަލުކުރެއެވެ. ނަމެވެސް މާލެ ބަދަލުވުމަށްފަހު ދެން ހިނގަނީ ސިއްރުން ފޮރުވިފައިވާ ކަންތައްތަކެވެ.

އައި ފިލްމްސްގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" އަކީ، ތަފާތު އަދި ބިރުގަންނަ ފަދަ މަންޒަރުތަކެއްވެސް ފެނިގެންދާނެ ފިލްމެއްކަމަށް ފިލްމްގެ ޑައިރެކްޓަރު ބުނެފައިވާއިރު، ބެލުންތެރިންގެ ހިތްތަކުގައި ސުވާލުތަކެއް އުފެދޭ އެތައް ކަންތައްތަކެއް ޓީޒާއިން ފެނިގެންދެއެވެ. ނަމަވެސް ފިލްމްގެ ޓީޒާ ޓްރެލާއިން ރޫޙާނީ ބިރުވެރި ކަންތައްތަކެއް ފެނިގެންދިޔަކަމުގައިވިޔަސް މި ފިލްމަކީ ބިރުވެރި ފިލްމެއް ނޫންކަމަށް ޑައިރެކްޓަރު ބުނެފައިވެއެވެ.

ފިލްމްގެ ޓީމުން ކޮށްފައިވާ ބުރަމަސައްކަތް ފާހަގަކޮށް، އިލްޔާސް ބުނީ، ފިލްމްގައި އެކްޓަރުން ދައްކުވައިދީފައިވާ ބުރަ މަސައްކަތާއި މޮޅު އެކްޓިން އަކީ މި ފިލްމް އެންމެންވެސް ބަލާލަން ޖެހޭނެ ސަބަބެއްކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް