ލިވަޕޫލަށްޓަކައި ކުޓީނިއޯ ޔުނައިޓެޑާއި ނުގުޅޭނެ

ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑްއިން ކުޓީނިއޯ ހޯދުމުގެ މަސައްކަތްކުރަމުން ދިޔަނަމަވެސް، ލިވަޕޫލަށް އިޙްތިރާމްކުރުމުގެ ގޮތުން ކުޓީނިއޯ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ނުގުޅެޅޭކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފިއެވެ.

ކުރިން ލިވަޕޫލަށް ކުޅުނު ކުޓީނިއޯ ލިވަޕޫލު ދޫކޮށް ބާސެލޯނާއަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަދަލުވީ 142 މިލިއަން ޕައުންޑަށެވެ. އެހެންނަމަވެސް ބާސެލޯނާގައި މިހޭދަކުރި ދުވަސްތަކުގައި ކުޓީނިއޯގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެންނަގޮތްވަނީ ނުވެފައެވެ.

ނިމުނު ސީޒަންގައި ކުޓީނިއޯ ބާސެލޯނާއަށް 54 މެޗު ކުޅެދިންއިރު ކާމިޔާބުކޮށްދެވުނީ އެންމެ 11 ލަނޑެވެ.

ކުޓީނިއޯ ބާސެލޯނާއަށް ބަދަލުވިފަހުން އެންފީލްޑަށް ފުރަތަމަ ފަހަރަށް އައީ ނިމުނު ޗެމްޕިއަންސް ލީގުގައެވެ. 4-0 ގެ ނަތީޖާއަކުން ބާސެލޯނާ އެމެޗުގައި ބަލިވިއިރު ޗެމްޕިއަންސް ލީގު ސެމީ ފައިނަލުންވަނީ ކަޓައިގެން ގޮސްފައެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ ހޯދުމަށް ޔުނައިޓެޑްގެ އިތުރުން ޗެލްސީވެސް މަސައްކަތް ކުރަމުންދެއެވެ. އެހެންނަމަވެސް ޗެލްސީއަށް ކުރިއަށްއޮތް ދެ ޓްރާސްންފާ މާކެޓްވެސް ބަންދުވެފައި ވުމުން ދެން ކުޓީނިއޯ ދިއުން އެންމެ ގާތީ ޕީއެސްޖީއެވެ.

ކުޓީނިއޯ، ކޮޕާ އެމެރިކާ 2019ގެ މެޗެއްގެ ތެރެއިން - ފޮޓޯ: ގޯލް.ކޮމް

ޕީއެސްޖީއިން ނޭމާ ވިއްކާލަށް އުޅޭކަމުގެ އަޑުތަކެއް މިދަނޑިވަޅުގައި ފެތުރިފައިވާއިރު ނޭމާގެ ބަދަލުގައި ޕީއެސްޖީއިން ކުޓީނިއޯ ގެންނަން މަސައްކަތް ކޮށްފާނެއެވެ. އަނެއްކޮޅުން ނޭމާ އެނބުރި ބާސެލޯނާއަށް ބަދަލުވާން ބޭނުންވެފައިހުރިއިރު ދެކްލަބްގެ މެދުގައި އެއްބަސްވުމަކަށްއައި މިދެކުޅުންތެރިން ބަދަލުކޮށްލުންވެސް ވަރަށް ގާތެވެ.

ބްރެޒިލްގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގައި ލިބުނު އަނިޔާއަކާއި ގުޅިގެން ނޭމާއަށް ބައިވެރިވޭ ގޮތްވަނީ ނުވެފައެވެ. ބްރެޒިލް ޓީމުގައި ނޭމާ ނެތްތައް ފޫބައްދަމުން އަންނަނީ ކުޓީނިއޯއެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު 3-0 ގެ ނަތީޖާއަކުން ބްރެޒިލް ކާމިޔާބުކޮށްފައިވާއިރު އެމެޗުގައި ކުޓީނިއޯވަނީ ދެލަނޑު ކާމިޔާބުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ