އަނިޔާގެ ސަބަބުން ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ފިލިޕް ކުޓީނިއޯއަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް މެޗުގައި ނުކުޅެވިދާނެކަމުގެ ބިރު ހީވެއްޖެއެވެ.
ކުޓީނިއޯއަށް އަނިޔާވެފައިވަނީ ރޭ ރެއަލްމެޑްރިޑާއި ދެކޮޅަށް ކުޅުނު މަޝްހޫރު އެލްކްލަސިކޯ މެޗުގައެވެ. ބާސެލޯނާއިން ބުނީ، މިއަދު ހެދި ޓެސްޓްތަކުން ކުޓީނިއޯގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން އެނގޭކަމަށާއި، އަދި މިއަނިޔާގެ ސަބަބުން ކުޓީނިއޯ ކުޅުމާއި ދުރުގައި ކިހާ ދުވަހަކު ހުންނަން ޖެހޭނެކަން އަދި ނޭނގޭކަމަށެވެ. މިސީޒަންގައި ބާސެލޯނާ ކުޅުނު ފަސް މެޗުގައި ކުޓީނިއޯ ފެނިގެން ގޮސްފައިވާއިރު، އޭނާވަނީ ބާސެލޯނާއަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.
❗ MEDICAL ANNOUNCEMENT
▶ @Phil_Coutinho has left hamstring injury
???? https://t.co/bOYtInquKU pic.twitter.com/YH8aZfe7oB— FC Barcelona (@FCBarcelona) October 25, 2020
145 މިލިއަން ޔޫރޯއަށް ލިވަޕޫލް ދޫކޮށް ބާސެލޯނާއަށް ކުޓީނިއޯ ބަދަލުވީ 2018 ވަނަ އަހަރުއެވެ. ނަމަވެސް ބާސެލޯނާގައި އެދެވޭ ކުޅުމެއް ނުދެއްކުމުގެ ސަބަބުން އެކްލަބުންވަނީ ލޯނު އުޞޫލުން ޖަރުމަނުގެ ބަޔާން މިއުނިކަށް ދޫކޮށްފައެވެ. މިދިޔަ ސީޒަން ބަޔާންގައި ހޭދަކޮށްފައިވާ ކުޓީނިއޯވަނީ ބަޔާންއަށް ތިންތަށި ހޯދައިދިނުމުގައި އިސްރޯލެއް އަދާކޮށްފައެވެ.
އަދި ލޯނު ހަމަވުމަށްފަހު އެނބުރި ބާސެލޯނާއަށް އައިފަހުން ކުޓީނިއޯދަނީ ކުރީ ފަހަރާއި ޚިލާފަށް ބާސެލޯނާގައި މުހިންމު މޮޅު ކުޅުމެއް ދައްކަމުންނެވެ.
އަންނަ ބުދަ ދުވަހުގެ ރޭ ޔުވެންޓަސްގެ އެލިއަންޒް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗަކީ ބާސެލޯނާއަށް ވަރަށް މުހިންމު މެޗެކެވެ. އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާއި ދެކޮޅަށް ނުކުންނަށް ބާސެލޯނާއިން ތައްޔާރުވަމުން އަންނައިރު، މިސީޒަންގައި ކުޅުނު ފުރަތަމަ މެޗުން ދެ ޓީމުވެސްވަނީ މޮޅުވެފައެވެ.
އަނެއްކޮޅުން ކޮވިޑްގެ ދެވަނަ ޓެސްޓް ޕޮޒިޓިވްވެ އެމެޗުގައި ޔުވެންޓަސްގެ އެންމެ ނުރައްކާތެރި ފޯވާޑު ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނުކުޅެވިދާނެކަމުގެ ބިރުވެސްވަނީ ހީވެފައެވެ.
ދެވަނަ ޓެސްޓް ޕޮޒިޓިވްވެ ބާސާ މެޗުގައި ރޮނާލްޑޯއަށް ނުކުޅެވިދާނެކަމުގެ ބިރު!




