ކުޓީނިއޯ ބޭނުންވަނީ ބަޔާންގައި މަޑުކުރަން

ލޯން އުސޫލުން ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފިލިޕެ ކުޓީނިއޯ އެކްލަބުގައި މަޑުކުރަން ބޭނުންވާކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ސްޕެއިންގެ ބާސެލޯނާ ދޫކޮށް ކުޓީނިއޯ ބަޔާންއަށް ބަދަލުވީ، މިދިޔަ އަހަރުގެ އޮގަސް މަހުއެވެ. ލޯނު ޢުޞޫލުން އެއް ސީޒަނަށް ބަޔާންއަށް ބަދަލުވި ކުޓީނިއޯ އެކްލަބާއެކު ހަދާފައިވާ އެއްބަސްވުން މިއަހަރު ޖޫންމަހަށް ހަމަވާނެއެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ އަކީ ލިވަޕޫލް ދޫކޮށް 120 މިލިއަން ޔޫރޯ އަށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ބާސެލޯނާއާ ގުޅުނު ކުޅުންތެރިޔެކެވެ. ޒަވީ އާއި އަންދްރެސް އިނިއެސްޓާ މެން ނެތުމުން ހުސްވި ޖާގަ ފުރާނެ ކަމަށް ބެލެވުނު ކުޅުންތެރިޔާ އަށް ދޮޅު އަހަރުގެ ތެރޭ ކްލަބުގައި ފައިހަރުކުރެވޭ ގޮތެއް ނުވި އެވެ. މެދުތެރޭގައި ވެސް އަދި އެޓޭކުގައި ވެސް އޭނާ އަށް ޖާގަ ކަށަވަރެއް ނުކުރެވުމުން ބާސެލޯނާއިން ކުޓީނިއޯ ދޫކޮށްލީ ނޭމާ އަލުން އެކްލަބަށް ގެނައުމަށެވެ. ނަމަވެސް ނޭމާ ހޯދުމަށް ބާސެލޯނާއިން ކުރި އެއްވެސް މަސައްކަތެއް މިހާ ހިސާބަށްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ރިޕޯރޓްތައް ބުނާގޮތުން ކުޓީނިއޯ ބަޔާންގައި މަޑުކުރަން ބޭނުންވާ ވާހަކަ ބާސެލޯނާއަށާއި ބަޔާންއަށްވެސް މިހާރުވަނީ އަންގާފައެވެ. ނަމަވެސް ކުޓީނިއޯގެ ގަންނަން ދައްކަންޖެހޭ 130 މިލިއަން ޔޫރޯ ދަށްކަން ބަޔާން ތައްޔާރަށް އޮތްކަމާމެދު ސުވާލު އުފެދެއެވެ.

ކުޓީނިއޯ ބުންޑެސްލީގާގައި ކުޅުނު 19 މެޗުން 6 ލަނޑު ޖަހައި 6 އެސިސްޓްވަނީ ހަދާފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ބަޔާންއަށް ކުޅެދިން 6 މެޗުން 1 ލަނޑު ޖަހައި 2 އެސިސްޓް ހަދާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ