ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ (ޑީޑީ) މިރޭ 11:30 އަށް ޖޭއެސްސީއަށް ހާޒިރުވާން އެންގީ ޖޭއެސްސީގެ އެންގުމަށް ތަބާނުވެ މިއަދު މަސައްކަތަށް ނިކުންނެވި މައްސަލައިގައި ކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މިރޭ ފަނޑިޔާރު ޑީޑީ ޖޭއެސްސީއަށް ހާޒިރުކުރަން ނިންމީ އެ ކޮމިޝަނުން މިހާރު ތަޙްޤީޤު ކުރަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެން ބަޔާން ނެގުމަށްޓަކައި ކަމަށެވެ.
ޖޭއެސްސީ އިން ވިދާޅުވީ، މިރޭ އޭނާ ހާޒިރުކުރަނީ ފަނޑިޔާރު ޢަބްދުﷲ ދީދީ ރިޝްވަތު ނެންގެވިކަމަށް ތުހުމަތު ކުރައްވައި ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައާއި، މަޤާމުގެ ނުފޫޒު ބޭނުންކުރެއްވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން އެންގުމުން ފަނޑިޔާރު ޑީޑީ ސަސްޕެންޑްކޮށްފައި ވަނިކޮށް މިއަދު މަސައްކަތަށް ނިކުންނެވި މައްސަލައިގައި ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށް ނިންމާފައިވަނިކޮށް، އެ ނިންމުމަށް ގޮންޖައްސަވައި، މަސައްކަތަކށް ނިކުންނެވުމަކީ އެކަމުގައި އެބޭފުޅާގެ ސުލޫކީ މައްސަލައެއް އޮތްކަމަށް ބެލެވޭކަމެއް ކަމަށްވާތީ، މި މައްސަލަ ތަޙްޤީޤު ކުރުމަށް ކޮމިޝަނުގެ ހުރިހާ މެންބަރުން ހިމެނޭގޮތަށް ކޮމިޓީ އެކުލަވާލުމަށް ހުށަހެޅުނު...." ޖޭއެސްސީގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޑީޑީގެ ސުލޫކީ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީން މިހާރު ތަޙްޤީޤު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، 11:30 އަށް ފަނޑިޔާރު ހާޒިރުވުމުން އެ މައްސަލައިގައި ބަޔާން ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް ޖޭއެސްސީ އިން ވިދާޅުވިއެވެ.