ޗައިނާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ސުޒްހޫގެ އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެއެވެ.
ގާތްގަނޑަކަށް 36 ގަޑިއިރުގެ މަސައްކަތަށްފަހު މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކުންވަނީ ވެއްޓުނު އިމާރާތުގެ ދަށުން 23 މީހުން ހޯދައިފައެވެ. މިމީހުންގެ ތެރެއިން ހަމީހުންވަނީ ދިރިހުއްޓައި ސަލާމަތް ކޮށްފައެވެ.
ގުލޯބަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާތަނަށް ހޯދި ހޯދުމުން އިމާރާތްވެއްޓުނު ކަމަށް ބެލެވެނީ އިމާރާތުގެ ވެރިފަރާތުން އިމާރާތުގެ ސްޓްރަކްޗާއަށް ގެނަ ބަދަލެއްގެ ސަބަބުން ކަމަށެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވެއްޓުނު އިމާރާތަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ރެޑް ސްޓާރ ނިއުސް އަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ އަސްލު އިމާރާތަކީ ތިންބުރީގެ އިމާރާތެއް ކަމަށާއި ނަމަވެސް ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިމާރާތް އިތުރަށް އުސްކޮށްފައިވާ ކަމަށެވެ.
ޖިއާންގްސޫ ޕްރޮވިންސުގެ ސަރުކާރުން ބުނެފައިވަނީ ހާދިސާ ހިނގިގޮތުގެ ފުރިހަމަ ތަހުގީގެއް ކޮށް އިމާރާތް ވެއްޓުމުގެ ފަހަތުގައި އެއްވެސް މީހެއް ޒިންމާވާނަމަ އެމީހަކާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.
ސުޒްހޫގައި ހުންނަ މި ހޮޓަލް ވެސްޓިފައިވަނީ ހޯމަދުވަހުގެ ހަވީރު 3:33 ހާއިރުއެވެ. އިމާރާތުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި 600 އަށްވުރެ ގިނަ މީހުންވަނީ ބައިވެރިވެފައެވެ.



