ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން ފަތުޙުﷲ ޖަމީލް ބިލްޑިންގެ ނަމަށް ތަހްޞީޞްކޮށްދެއްވައިފިއެވެ.
ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން ފަތުޙުﷲ ޖަމީލް ބިލްޑިންގެ ނަމަށް ބަދަލުކުރައްވާފައިވަނީ މިއަދު ހެނދުނު މިކަމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ދައުލަތުގެ އެންމެ މުހިންމު އެއް މިނިސްޓްރީގެ ޢިމާރާތް، އެމިނިސްޓްރީ ހިންގެވި ބޭފުޅެއްގެ ނަންފުޅަށް، ނިސްބަތްކޮށްގެން ހުޅުވޭކަމީ، ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ދާއިރާގައި، އެމަނިކުފާނު ކުރައްވާފައިވާ ޚިދުމަތްތަކުގެ މަތިވެރިކަން ރަމްޒުކޮށްދޭނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޢިމާރާތް، ފަތުޙުﷲ ޖަމީލްގެ ނަންފުޅަށް ޚާއްޞަކުރުމުގެ ބޭނުމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާ ބިނާކުރައްވައި ތަރައްޤީކުރެއްވުމުގައި، 27 އަހަރާއި 4 މަސް ވަންދެން އެމަނިކުފާނު ކުރެއްވި، ޤައުމީ ޚިދުމަތުގެ އަގު، ދާއިމީ ގޮތެއްގައި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ. އަދި މި ޢިމާރާތާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ކަމަށެވެ.
މި ޢިމާރާތަކީ، ވެރިރަށް މާލޭގެ މަލަމަތިން، ދިވެހިންގެ ޤައުމީވަންތަކަމާއި ދިވެހިރާއްޖޭގެ ހައިބަތު ރަމްޒުކޮށްދިނުމުގެ މަޤްޞަދުގައި، އަލްމަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލްގެ ވިސްނުންފުޅާއި ޚިޔާލުފުޅާ އެއްގޮތަށް، އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ފަރުމާކޮށްފައިވާ ޢިމާރާތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން މިހޭދަވި 56 އަހަރުގެ ތެރޭގައިވެސް، ރާއްޖެއިން ދަމަހައްޓަމުން އައި ޚާރިޖީ ސިޔާސަތަކީ، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރުމާ އެކު، މިނިވަންކަމާއި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކޮށް ދެމެހެއްޓުންކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ބިނާވެފައިވަނީ މިދެންނެވި އަސާސްތަކުގެ މަތީގައިކަމަށާއި، މަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލުގެ ޚާރިޖީ ވަޒީރުކަމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވީ، މިދެންނެވި ސިޔާސަތުތައް ނެގެހެއްޓުމަށްޓަކައި، ބައިނަލްއަޤްވާމީ މަސްރަޙުގައި ވަކާލާތު ކުރެއްވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



