ށ. ފޯކައިދޫއިން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއާއެކު އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 31 އަށް އަރާފައެވެ.
ފޯކައިދޫގެ ކޮވިޑް ތަފާސްހިސާބު އާންމުކުރަމުން އެރަށު ސިއްޙީ މަރުކަޒުން މިރޭ ބުނީ، މީގެ ދެދުވަސްކުރިން ކުޅުދުއްފުށިން ފެނުނު ކޮވިޑްގެ ކޭސްއާއި ގުޅިގެން މިހާތަނަށް ނެގުނު 45 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާކަމަށެވެ.
އަދި 12 ސާމްޕަލްއެއް ނެގިޓިވްވެފައިވާއިރު، އަލުން ސާމްޕަލް ނަގަންޖެހޭ 2 ފަރާތެއްވާކަމަށް ފޯކައިދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ ދެދުވަސްކުރިން ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވަނީ އެމަޖެންސީ ރޫމް (އީއާރް) އަށް ށ. ފޯކައިދޫއިން ގެންދިޔަ ބަލި މީހެކެވެ. އަދި އުމުރުން 61 އަހަރުގެ މިއަންހެން މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ސާމްޕަލްތަކުގެ ތެރެއިން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އެއަންހެންމީހާގެ ފިރިމީހާއެވެ. މީގެއިތުރުން ފޯކައިދޫގެ 38 ގެއެއް ކަރަންޓީނަށް ލެވުނެވެ.
އަދި މިއަދު ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން ރަށުގެ ދެ ބައިކުޅަ އެއްބައި ގެތަކަށް ކަރަންޓީނުކުރަން ޖެހޭނެކަމަށް ލަފާކުރެވޭކަމަށް ފޯކައިދޫ ހެލްތް ސެންޓަރުން ވިދާޅުވިއެވެ.
މިމަހުގެ 13 އިން ފެށިގެން ފޯކައިދޫވަނީ މޮނިޓަރިންއަށް ލެވިފައެވެ.




