އެމްބާޕޭ ޕީއެސްޖީގައި މަޑުކުރާނެކަމުގެ %200 ޔަޤީންކަން އެބައޮތް - ހެއްލާފީ

ކުރިއަށް މިއޮތް ސީޒަންގައި އެމްބާޕޭ އެހެން ޓީމަކަށް ނުދާނެކަމަށާއި ޕީއެސްޖީގައި މަޑުކުރާނެކަމުގެ %200 ޔަޤީންކަން އެބައޮތްކަމަށް ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ބުނެފިއެވެ.

އުމުރުން 20 އަހަރުގެ އެމްބާޕޭ މޮނާކޯ ދޫކޮށް ދާޢިމީކޮށް ޕީއެސްޖީއާއި ގުޅުނުފަހުން އަދިމިވީ އެންމެ އަހަރެކެވެ.

"އަހަރެން އޭނާ ދިޔަކަ ނުދޭނަން" އެމްބާޕޭއާއި ގުޅޭގޮތުން ހެއްލާފީ ބުންޏެވެ.

އެމްބާޕޭ މިދިޔަ ސީޒަންގައި ޕީއެސްޖީއަށް 43 މެޗު ކުޅެދީފައިވާއިރު ޖުމްލަ 39 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

މީގެއިތުރުން ނޭމާއާއި ގުޅޭގޮތުންވެސް ހެއްލާފީ މިއިންޓަވިއުގައި ވާހަކަ ދައްކާފައިވެއެވެ. ޕީއެސްޖީއާއ ދޭތެރޭ ނޭމާ ހިތްމަނުޖެހިފައިވާކަމަށް ޚަބަރު ފެތުރެމުންދާ މިދަނޑިވަޅުގައި ހެއްލާފީ ބުނެފައިވަނީ ޕީއެސްޖީއަށް އައުމަށް ނޭމާއަށް އެއްވެސް މީހަކު މަޖުބޫރުނުކުރާކަމަށެވެ.

ނޭމާ އަދި ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ - ފޮޓޯ: ދިއިންޑީޕެންޑެންޓް

ނޭމާއާއެކު ޕީއެސްޖީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2022 ގައެވެ.

"އެއްވެސް މީހަކު އޭނާއަށް މަޖުބޫރެއް ނުކުރޭ. އަދި ބާރެއްވެސް ނާޅާ. އޭނާ އަހަރެމެންނާ ގުޅުނީ މިޕްރޮޖެކްޓް ރަނގަޅަށް އެނގިހުރެ" ނޭމާއާއި ގުޅޭގޮތުން ހެއްލާފީ ބުންޏެވެ.

އުމުރުން 27 އަހަރުގެ ނޭމާއަށް ބްރެޒިލްގެ ކެޕްޓަންކަން ގެއްލިފައިވާއިރު ލިބުނު އަނިޔާއެއްގެ ސަބަބުން މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާވެސްވަނީ ގެއްލިފައެވެ.

މީގެ ދެއަހަރު ކުރިން ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި 222 މިލިއަން ޕައުންޑަށެ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނޭމާއަށް ނިމުނު ސީޒަންގައި އަނިޔާގެ ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ. އެގޮތުން ނޭމާއަށް ލީގު 1 ގެ 13 މެޗު ގެއްލިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ