ދެކުނު އެފްރިކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލާއިރު ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ހަތިޔާރުއެޅި ފުލުހުން މަގުތައްމައްޗަށް ނިކުމެއްޖެއެވެ.
ދެކުނު އެފްރިކާގައި ހަމަނުޖެހުންތައް އުފެދި ލޫޓުވުންފަދަ ކުއްތަށް އިތުރުވެގެން ގޮސްފައިވަނީ އެގައުމުގެ ކުރީގެ ރައީސް ޖެކޮބް ޒޫމާ ޖަލަށްލުމާއި ގުޅިގެންނެވެ. ޒޫމާ ޖަލަށް ލައިފައިވަނީ ވެރިކަމުގައި ހުންނެވި އިރު ހިނގިކަމަށް ބެލެވޭ ކޮރަޕްޝަނުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުވާން ދެކޮޅު ހެދުމުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ސާބިތުވުމުންނެވެ.
ހަމަނުޖެހުންތައް އުފެދުނު ފަހުން ގާތްގަނޑަކަށް އެއްބިލިއަން ޑޮލަރުގެ އަގުހުރި މުދާ ކަވަޒުލު ނަޓާލް އިންވަނީ ލޫޓުވާލައިފައިކަމަށް އެ ޕުރޮވިންސުގެ މޭޔަރުވަނީ ވިދާޅުވެފައެވެ. މީގެއިތުރަށް 800 އެއްހާ ފިހާރަ ލޫޓުވާލައިފައިވާކަމަށްވެސް މޭޔަރުވަނީ ވިދާޅުވެފައެެވެ.
ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ މި ހަމަނުޖެހުންތަކާއި ގުޅިގެން ވިދާޅުވެފައިވަނީ، މަދަނީ ބަސްނޭހުމަށާއި ހަމަނުޖެހުމަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރަން ރައީސް ސިރިލް ރަމަފޯސާ ވަނީ ސިފައިން ނެރުއްވާފައެވެ.
ކަވަޒުލު ނަޓާލް، ޒޫމާގެ އުފަން ޕުރޮވިންސުގައި ގިނަބަޔަކު އައްނަނީ ކާބޯތަކެތި ލިބުން ދަތިވެ ކާބޯތަކެތި ފޯރުކޮށްދޭ ތަންތާ ކިއުހަދަން ފަށައިފައެވެ. ކަވަޒުލު ނަޓާލްއަކީ މި ހަމަނުޖެހުންތައް އެންމެ ބޮޑަށް ހިނގަމުންދާ ޕުރޮވިންސެވެ.



