ދެކުނު އެފްރިކާގެ ގާނޫނޫ ހަދާ މަޖިލިސްގެ އިމާރާތުގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގައިފައިވަނިކޮށް، އެ އިމާރާތުގައި އަނެއްކާޥެސް ހުޅުހިފައިފި އެވެ.
އެ އިމާރާތުގައި ދެވަނަ ފަހަރަށް އަލިފާން ހިފައިފައި މިވަނީ، އަލިފާން ގަނޑު ކޮންޓްރޯލުކުރެވިފައިވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނިތާ ގަޑިއިރުތަކެއް ފަހުންނެވެ. ނަމަވެސް އިމާރާތުގެ ފުރާޅުގައި އަނެއްކާވެސް އަލިފާން ހިފައިފައި ވާއިރު، އަލިފާން ނިއްވަން ފަޔާ ފައިޓަރުން އެ ސަރަހައްދުގައި ހަރަކާތެރިވަމުން އެބަދެއެވެ.
މިދިޔަ އާދިއްތަ ދުވަހު މަޖިލިސް އިމާރާތުގައި ރޯވުމުގެ ސަބަބުން، އިމާރާތުގެ ފުރާޅުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދާ، ފުރާޅު ވަނީ ގާތްގަނޑަކަށް ހަލާކުވެފަ އެވެ. އަދި ފަހުން ވަނީ އެ އިމާރާތުގެ ނޭޝަނަލް އެސެމްބްލީ ޗެމްބަރުގައި ވެސް ރޯވެފައެވެ.
މި ހާދިސާއާއި ގުޅިގެން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިހާތަނަށް ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ ބީބީސީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާއާއި ގުޅިގެން އެ ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ ތަނެއްގައި އަލިފާން ރޯކޮށްލުމުގެ ކުށުގައާއި، ހުއްދަ ނެތި ތަނަކަށް ވަދެ، ވައްކަން ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.
އިމާރާތުގައި ދެވަނަ ފަހަރަށް އަލިފާން ރޯވެފައި މިވަނީ، އެ އިމާރާތުގެ ބޮޑު ބަޔަކީ ލަކުޑީގެ ބައިތަކުން ހަދާފައިވާ ތަންތަނަށް ވުމާއެކު އަދި ކާޕެޓްތަކުގައި ރޯވެފައިވާތީވެ އަލިފާން ހިފައިފާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން އިންޒާރުދީފައި ވަނިކޮށެވެ.
މީސްމީޑިއާގައި އިއްޔެ އާއްމުވި ވީޑިއޯ ފޫޓޭޖުތަކުން ފެންނަ ގޮތުގައި، މަޖިލިސް އިމާރާތުގައި ރޯވުމުގެ ސަބަބުން، އިމާރާތުގެ ފުރާޅުމަތިން އަރަމުންދާ ބޯ ކަޅު ދުންގަނޑާއެކު، ރޯވެފައިވާ އަލިފާންގަނޑުވެސް ފެންނަން ހުއްޓެވެ.
މިދުވަސްވަރަކީ މަޖިލިސް ޗުއްޓީ ދުވަސްވަރު ކަމުން މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގުމުން، ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އަދި އަލިފާންގަނޑު ނިއްވާލުމަށް ފަޔާ ފައިޓަރުން ކުރި މަސައްކަތަށް އޭނާ ވަނީ ތައުރީފުކޮށްފަ އެވެ.



