ޗައިނާގެ ރައީސް ޝީ ޖިންޕިންގ

ޗައިނާގެ ރައީސް ޝީ ޖިންޕިން ޓިބެޓަށް ވަޑައިގެންފި

ޗައިނާގެ ރައީސް ޝީ ޖިންޕިން ޓިބެޓަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅާއެކު ޗައިނާގެ ރައީސް ޝީ ޖިންޕިން ވެގެންގޮސްފައިވަނީ ފާއިތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ޓިބެޓަށް ވަޑައިގެއްނެވި ފުރަތަމަ ޗައިނާގެ ލީޑަރު ކަމުގައެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ޝީ ޖިންޕިން ޓިބެޓުގައި ހުންނެވި ނަމަވެސް މިޚަބަރު ޗައިނާގެ ރަސްމީ މީޑިއާއިން ރިޕޯޓުކޮށްފައިވަނީ ދަތުރު ނިމުނުފަހުން މިއަދެވެ.

ބުދު ދީނުގެ އަހުލުވެރިން ގިނަ އަދަދަކަށް ދިރިއުޅެމުންދާ ޓިބެޓަކީ ޗައިނާގެ ބެލުމުގެ ދަށަށް ގަދަބާރުން ގެނެސްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ސަގާފީ އަދި ދީނީ މިނިވަންކަން ޗައިނާ ސަރުކާރުން ނުދޭކަމުގެ ތުހުމަތުތައް ކުރެވެއެވެ. ނަމަވެސް، މި ތުހުމަތުތައް ޗައިނާ ސަރުކާރުން ދޮގުކުރެއެވެ.

ޗައިނާގެ ދައުލަތުގެ ޓީވީ ސީސީޓީވީ އިން އާންމުކޮށްފައިވާ ވީޑިއޯއަކުން ފެއްނަ ގޮތުގައި، ޝީ ޖިންޕިން ފުލައިޓުން ފޭބުމާއެކު ޓިބެޓުން މަރުހަބާ ދައްނަވައިފައިވަނީ ސަގާފީ ހެދުމުގައި ޗައިނާ ދިދަ ހިފައިގެންތިބި ބަޔެކެވެ. މި ދަތުރުފުޅުގައި ޝީ ޖިންޕިންވަނީ ޓިބެޓުގެ ވެރިރަށް ލާސާއަށް ވަޑައިގެންފައެވެ.

ޝީ ޖިިންޕިންވަނީ މީގެ 10 އަހަރު ކުރިންވެސް ޓިބެޓަށް ވަޑައިގެންފައެވެ. އެއިރު ޝީ ޖިންޕިން ހުއްނެވީ ނައިބުރައީސް ކަމުގައެވެ. ޓިބެޓަށް އެންމެފަހުން ޗައިނާގެ ރައީސްއަކު ވަޑައިގެންފައިވަނީ 1990 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ