ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ސިޓީ ކަމަށްވާ ޗައިނާގެ ވޫހާން ސިޓީއިން ކޮވިޑް-19 އަނެއްކާވެސް ފެނުމާއި ގުޅިގެން މުޅި އެ ސިޓީގެ އާބާދީ ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ނިންމައިފިއެވެ.
އަހަރު ދުވަސްފަހުން ވޫހާން ސިޓީއިން ކޮވިޑް-19 ފެނިފައިވާއިރު މިވަގުތު އެ ސިޓީގައި ކޮވިޑް-19 އަށް ޕޮޒިޓިވު ހަތްމީހުން އެބަތިއްބެވެ. އާބާދީގައި 11 މިލިއަން މީހުން ދިރިއުޅޭ ވޫހާން ސިޓީ އިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ 2019 ވަނަ އަހަރެވެ. މިއީ މިބަލި ފެނުނު ކަމަށް ބެލެވޭ ފުރަތަމަ ސިޓީއެވެ.
ޗައިނާގައި ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރެވިފައި ގިނަ މަސްތަކަކަށް އޮތްނަމަވެސް އަނެއްކާވެސް ކޮވިޑް-19ގެ ކޭސްތައްވަނީ އިތުރުވާން ފަށައިފައެވެ. މިގޮތުން ފާއިތުވެދިޔަ 10 ދުވަހުގެ ތެރޭގައި އެގައުމުން 300 މީހުންވަނީ މިބައްޔަށް ފައްސިވެފައެވެ. ޗައިނާގެ 15 ޕުރޮވިންސަކުންވަނީ ކޮވިޑް-19 ފެނިފައެވެ. މިއާއެކު ސަރުކާރުގެ ފަރާތުންވަނީ ކޮވިޑް-19 އަށް ޓެސްޓުކުރުން އިތުރުކޮށް ބަޔެއް ހިސާބުތަކުގައި ފުރަބަންދުވެސް އިއުލާން ކޮށްފައެވެ.
އޮތޯރިޓީއިން ދެކޭގޮތުގައި ޗައިނާގައި ކޮވިޑް-19 ފެތުރެން ފަށައިފައި މިވަނީ އެތެރޭގެ ފަތުރުވެރިކަމުގެ ސަބަބުންނާއި އަދި ކޮވިޑް-19ގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ ޑެލްޓާގެ ސަބަބުންނެވެ. ކޮވިޑް-19 އަށް ޗައިނާއިން މިއަދުވަނީ 90 މީހުން ފައްސިވެފައެވެ.
ދުނިޔޭގެ އެހެނިހެން ގިނަ ގައުމުތަކާއި ހިލާފަށް ޗައިނާ ފާހަގަ ކޮށްލެވިގެން ގޮސްފައިވަނީ ކޮވިޑް-19 ފެތުރުން ކާމިޔާބު ކަމާއެކު ހުއްޓުވައިފައިވާ ގައުމެއްގެ ގޮތުގައެވެ.



