ފަނޑިޔާރަކު ނިންމާ ނިންމުމަކާ ގުޅިގެން އަޅާ ހުރިހާ ފިޔަވަޅަކީ ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ވާނެކަމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ސުޕްރީމް ކޯޓުން ދާދި ދެންމެ ނެރުނު އަމުރުގައި ވިދާޅުވެފައިވަނީ، ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާޚުރުމުގައި ނިންމުމެއް ނިންމުމަށްފަހު، އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅިފައިވާކަމަށް ޝަރީއަތަށް ޤަބޫލުކުރެވޭ ޖައުހަރީ ސަބަބުތަކެއް ކުރިމަތިވާ ޙާލަތުގައި، އެފަދަ ކޮންމެ ނިންމުމެއް މުރާޖާއަކޮށް އިންޞާފު ޤާއިމުކުރެވޭ މަގަށް އެ ނިންމުން ބަދަލުކުރުމުގެ ބާރަކީ އަބަދުވެސް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތް ތަމްޘީލުކުރާ ދައުލަތުގެ އެންމަ މަތީ ކޯޓަށް ލިބިގެންވާ ޝަރުޢީ އަދި ޤާނޫނީ ބާރެއްކަމަށެވެ.
"ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ ނުވަތަ އެ ނިންމުން ބިނާކުރި ޝަރުޢީ އަދި ޤާނޫނީ އަސާސްތަކާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ކަމެއްކަމަށް ކަނޑައަޅައި މިކަން، ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގަމެވެ." ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.
މީގެ އިތުރުން ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށްބުނެ، ސުލޫކޯ ގޮތުން އެއްވެސް ސިފައެއްގައި އެ ނިންމުމެއް ނިންމި ފަނޑިޔާރުން ޖަވާބުދާރީ ކުރުވައި ފަނޑިޔާރުންގެ މައްޗަށް އެއްވެސް ބާވަތެއްގެ ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އެއްވެސް ފަރާތަކަށް ލިބިދީފައިވާ އިޚްތިޞާޞްއެއް ނޫނަކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރުއްވިއިރު، އެ ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލައެއް ޖޭއެސްސީ އިން ބަލަމުންދާތީ އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އެ މައްސަލައިގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ބަސް ކިޔާފައެވެ.



