ޕެސްޓް

ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުކުރަން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފި

ޑްރަގް މައްސަލާގައި ހައްޔަރުކުރި ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓު ސިމްބޮލިކް ރެކޯޑްސްގެ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ރަނގަޅު ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

ޑްރަގް މައްސަލާގައި ޕެސްޓްއާއި އެކު 4 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. އެމީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ 2021 އޭޕްރީލް 22 ވަނަ ދުވަހުއެވެ.

ޕެސްޓަށް ދައުވާ ކުރުމަށް ފަހު، ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އޭނާގެ ބަންދުގެ މުއްދަތުގެ ގޮތުގައި ދިނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމާކު ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމިއެވެ.

ޕެސްޓްގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު، އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ނިންމީ އޭނާގެ ތުހުމަތު ކުރެވޭ ކަންކަމުގެ މައްޗަށް ހުރި ހެކީގެ ރިޕޯޓެއް ހުށަހަޅައިގެންނާއި މުޖުތަމައުގެ ސާލަމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެއެވެ.

ހައިކޯޓުން ޕެސްޓްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ތާއީދުކުރީ ޕެސްޓުގެ ފަރާތުން ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހުއެވެ.

މި މައްސަލާގައި ޕެސްޓްގެ މައްޗަށް ފަސް ދަޢުވާއެއް އުފުލާފައި ވެއެވެ. އެއީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއާއި މަސްތުވާ ތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

ޑްރަގާއެކު ޕެސްޓް ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތު ވެއްޖެ ނަމަ އުމުރު ދުވަހުގެ ޙުކުމެއް އައުން ވަރަށް ގާތެވެ.

ޕެސްޓް ހައްޔަރު ކުރި އޮޕަރޭޝަންގައި ފުލުހުން ވަނީ 2.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތިވެސް އަތުލައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ