ހދ. ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކޮށް، ބިރުދައްކައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކޮށް ޕީޖީ އޮފީހުން ދައުވާ ކުރުމަށް ފޮނުވާފައިވަ ދެމީހުން ބަންދުން ދޫކޮށްލައިފިއެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު އުމުރުން 29 އަހަރުގެ ޒުވާނަކަށް އަނިޔާކުރީ ކާރަކަށް އަރުވައިގެން، އެ ރަށުގައި މީހުން ދިރިނޫޅޭ ހިސާބަކަށް ގެންގޮސްގެންނެ އަނިޔާކުރި މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވަނީ މިދިޔަ މެއި މަހުގެ 29 ގައެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންނަށް ދައުވާކުރަން ޕީޖީ އޮފީހުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ފޮނުވައިފައި ވަނީ ޖުލައި 8 ގައެވެ.
މި މައްސަލާގައި ތުހުމަތު ކުރަނީ ހދ. ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީއާއި އެރަށު، ސެޓްލައިޓް، މުހައްމަދު އާދަމަށެވެ. ނަމަވެސް މިހާރު މި މީހުން ދޫކޮށްލައިފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން މި ނޫހަށް ވަނީ ކަށަވަރުކޮށްދީފައެވެ.
މި މައްސަލާގައި ޕީޖީ އޮފީހުން އެ ދެމީހުންނަށް މައްވަށްވެސް އުފުލާފައި ވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ.
މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ، ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު މަރާލަން އެއްލާލި މައްސަލައިގައި ފުލުހުން ވަނީ އެމީހާ އެރުވިކަމަށް ބެލެވޭ ކާރުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ރަހީނު ކުރުމަށްފަހު އަނިޔާކޮށް އެއްލާލާފައިވާއިރު، އޭނާގެ ބޮލަށް ދަގަނޑުބުރިއަކުން ހަމަލާދިނުމުގެ ސަބަބުން ސިކުންޑިއަށް ލޭއެޅި، ހާލު ސީރިއަސްވުމުން ވަނީ މާލެ ގެނެސް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދީފައެވެ.
މި މައްސަލާގައި ފުލުހުން ވަނީ އިތުރު ބަޔަކުވެސް ހައްޔަރު ކޮށްފައެވެ.
ނަމަވެސް އެމީހުންގެ މައްޗަށް ދަޢުވާ ކުރެވޭވަރަށް ހެކި ހޯދިފައި ނެތުމުގެ ސަބަބުން ޕީޖީ އޮފީހުން އެމީހުންގެ މައްޗަށް ދަޢުވާ ކުރަން ފޮނުވާފައެއްނުވެއެވެ.