ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި 2 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުން ކިބައިން އެހީއަށް އެދޭނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަންގެ މީޑިއާ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދުގެ ވަގުތެއްގައި ކޯޓުގެ ހުކުމް ކަރެކްޝަންސްއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން އަލީ ވަހީދަކީ ރިމާންޑުގައި ނެތް ފަރާތެއް ކަމުން، ހުކުމް ތަންފީޒުކުރަން އޭނާ ކަރެކްޝަންސްއާ ހިސާބަށް ގެނެސްދިނުމަށް ފުލުހުންގެ ކިބައިން އެދޭނެ ކަމަށް ކަރެކްޝަނުން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް އިއްޔެ ހާޒިރުވާން އެންގި އެންގުމަށް އަމަލުނުކުރުމުން އަލީ ވަހީދުގެ މައްޗަށް ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ވަނީ އިއްވައިފައެވެ.
ސުޕްރީމް ކޯޓުގައި އިއްޔެ ތާވަލްކޮށްފައި ވަނީ އަލީގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލައެވެ. މި މައްސަލައިގެ ޝަރީއަތަށް ހާޒިރުނުވުމުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ދެ މަސް ދުވަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފިއެވެ.
ޢަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގެ އަންހެން މުވާއްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދަޢުލަތުން 7 ދަޢުވާ އުފުލާފައި އޮތުމާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ބޭސްފަރުވާއަށް އޭނާ ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ.
އެއާއެކު އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ވަނީ އޮންލައިންކޮށް ކުރިޔަށްގެންދަން ފަށާފައެވެ. އެހެންނަމަވެސް އެފަދަ ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހުށަހަޅާފައެވެ. އަލީ ވަހީދު ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގައި ބައިވެރިވަމުންދިޔައީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަން މެދުވެރިކޮށެވެ.