އަފްގާނިސްތާން ފެއިލްވި މައިގަނޑު ސަބަބަކީ އެ ގައުމު ބިނާކުރުމުގައި ހުޅަނގުން ސިޔާސީ ޕާޓީތައް ކުރިއެރުވުމަށް އިސްކަން ނުދިނުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތާލިބާން ޖަމާއަތުން އަފްގާނިސްތާނުގައި ފަށައިފައިވާ ހަނގުރާމައިގައި، އަފްގާނިސްތާނުގައި ވެރިރަށް ކާބުލް ހިފާ، އެ ގައުމުގެ ހުރިހާ މައި ސިޓީތައްވެސް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. ގާތްގަނޑަކަށް އަފްގާންގެ ފުރިހަމަ ކޮންޓްރޯލު އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް އިރު، އެ ގައުމުގެ ރައީސް އަޝްރަފް ގާނި ވަނި އިސްތިއުފާ ދެއްވާ ގައުމުން ދޫކޮށް ފިލައިފައެވެ.
މިކަމަށް ރިއާޔަތްކޮށް ނަޝީދު އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވީ، އަފްގާނިސްތާނުގައި ގައުމު ބިނާ ކުރުން ފެއިލްވި އެއް ސަބަބަކީ ސިޔާސީ ޕާޓީތައް ކުރިއަރުވަން ހުޅަނގުން އިސްކަން ނުދިނުމުން ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވަނީ، ކާބުލްއަށް އުފަން މަޝްހޫރު ލިޔުންތެރިޔާ ޚާލިދު ހުސައިނީ ލިޔުއްވާފައިވާ 'ކައިޓް ރަނާ'ގެ ބަނޑޭރިގަނޑުގެ ފޮޓޯއެއް ހިއްސާކުރައްވާ އެ ވާހަކައިގެ މުހިންމު ކަމަށްވެސް އިޝާރާތް ކުރައްވާފައެެވެ. އަދި ނަޝީދު ވިދާޅުވީ، ގައުމެއް ބިނާކުރުމަށް ހިޔާލު އާލާކުރުމުގައި އެ ފޮތް ކުޅެދީފައިވާ ރޯލު އެންމެން ހަނދާން ނެތިފައިވާ ކަމަށެވެ.
"ކައިޓް ރަނާ" މި ފޮޮތަކީ 1960އިން 2000ގެ ސޯވިއެޓް ޔޫނިއަން އިން އަފްގާންއަށް އެރުމުގެ ކުރިންނާއި އަދި އޭގެ ފަހުން ތާލިބާނުންގެ ވެރިކަމުގައި އަފްގާނިސްތާނުގެ ދައުލަތަށް އައި ބަދަލުތައް ކިޔައިދޭ ހިޔާލީ ވާހަކައެކެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ، މެއި 6 ގައި އެމަނިކުފާނަށް ދިން ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ފަރުވާ ހޯދުމަށް އިނގިރޭސިވިލާތުގައެވެ. އިއްޔެ އެމަނިކުފާނު ހާޒިރުވެވަޑައިނުގަން، މަޖިލިޙުގެ ޖަލްސާތައް ފެށިއިރު، އެމަނިކުފާޏުގެ ޗުއްޓީ ދިގުކޮށްދިނުމަށް އެދިވަޑައިގެން ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ސިޓިއެއް ފޮނުވައިފައެވެ.