ރައީސް ނަޝީދު ރާއްޖެ ވަޑައިނުގަންނަވީ އެމަނިކުފާނު އަވަހާރަ ކޮށްލަން ހަމަލާދިން ބޭފުޅުން މަގުމަތީގައި ދޫވެފައި ތިބުމާއި، އަދި ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އަންނަމުންދާތީވެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް(ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، މިހާރުވެސް ރައީސް ނަޝީދަށް ކެނޑިނޭޅި ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ލިބެމުންދާކަމަށެވެ.
"..ޖާނުންފިދާވުމުގެ އިންޒާރު އަންނަމުންދާތީއާއި، އޭގެ މައުލޫމާތު ވަރަށް ރަނގަޅަށް އެނގޭތީ އަދިވެސް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވައިގެން އެ ސަލާމަތާއި ރައްކާތެރިކަން ނެތްކަމަށް ފެންނާތީ ނަޝީދު މަޑުކޮށްލައިގެން އެ ހުންނެވީ" ހަލީމް ވިދާޅުވިއެވެ.
ހަލީމް މިފަދައިން ވިދާޅުވީ، ޖަނަވާރުންގެ ސިއްހަތާއި ބެހޭ ބިލަށް ބަހުސްކުުރައްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ދެއްކެވި ވަހާކަތަކަށް ރައްދުދެއްވަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ، ޖަނަވާރުންގެ ސިއްހަތާއި ބެހޭ ބިލަށް ވާހަކަދައްކަމުންދާއިރު، އިންސާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ދޭތެރޭ ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން ޝަރީފް ވަނީ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިނުގަންނަވަނީ، އެމަނިކުފާނަށް ދިން އުދުވާނީ ހަމަލާގެ ސަބަބުން ލިބުނު ބިރުގެ ސަބަބުންއެމަނިކުފާނަށް ލިބެން ޖެހޭ ނަފްސާނީ ފަރުވާއާއި ރައްކާތެރިކަން ނުލިބޭތީ ތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދަވާފައެވެ.
ނަމަވެސް މިވާހަކައަށް ރައްދުދީ ހަލީމް ވިދާޅުވީ، ނަޝީދު ރާއްޖެ ވަޑައިނުގަންނަވާ އިނގިރޭސިވިލާތުގައި މަޑުކޮށްލައިގެން ހުންނެވީ އެކަމަށް ލިބެންޖެހޭ ފަރުވާ ރާއްޖެއިން ނުލިބޭތީ ނޫންކަމަށެވެ. ނަމަވެސް ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އަންނަމުންދާތީވެކަމަށެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ، މެއި 6 ގައި އެމަނިކުފާނަށް ދިން ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ފަރުވާ ހޯދުމަށް އިނގިރޭސިވިލާތުގައެވެ. އިއްޔެ އެމަނިކުފާނު ހާޒިރުވެވަޑައިނުގަން، މަޖިލިޙުގެ ޖަލްސާތައް ފެށިއިރު، އެމަނިކުފާޏުގެ ޗުއްޓީ ދިގުކޮށްދިނުމަށް އެދިވަޑައިގެން ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ސިޓިއެއް ފޮނުވައިފައެވެ.
ނަޝީދު ވިދާޅުވީ، މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ ރޭވި މީހުން ނުހޯދޭތީ ރާއްޖެ ވަޑައިނުގަންނަވަން އާއިލާއިން ވެސް އެދެމުންދާތީ، ރާއްޖެއައުމަށް ޖެހިލުންވާ ކަމަށެވެ.
ރައީސް ނަޝީދަށް ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ލިބެމުން އަންނަކަމަށް ދޮންބިލެތް ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށާއި، މަޖިލީހުގެ ގިނަ މެންބަރުންތަކަކަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތު ކުރެވޭ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ވިދާޅުވެފައެވެ.