ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވުން ހަމައެއްނުޖެހޭ: މަހްލޫފް

ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފަ،ގައުމީ މަޖިލީހުގެ އިންތިޚާބުގަ ވާދަނުކުރެވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެ ޕާޓީން ވަނީ އަންގައިފައެވެ. އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގު ސޮއިކުރައްވައި މަހުލޫފަށް މިރޭ ފޮނުވި ސިޓީގައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ) ގެ ރައީސް ކަމަށް ވާދަކުރެއްވުމަށް މަހުލޫފްގެ ޝަރުތު ހަމަނުވާ ކަމަށެވެ.

މި ކަން ގަބޫލްނުކުރައްވާ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް، މަޖިލިސް މެމްބަރުކަމަށް އަދި ކައުންސިލު އިންތިހާބަށްވެސް މަހްލޫފް ޝަރުތު ހަމަވާކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުކޮށް މިހާރު މިނިސްޓަރުކަމުގެ ސަސްޕެންޝަންގައި ހުންނެވި މަހްލޫފަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ އެ ޕާޓީން އެންގި އެންގުމުގެ ފަހަތުގައި އޮތީ ސިޔާސީ ކަންތައްތަކެއް ކަމަށް މަހްލޫފް ވަނީ ތުހުމަތުކުރައްވައިފައެވެ.

ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފް ޝަރުތު ހަމަނުވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގައި މަހުލޫފްގެ މައްސަލައެއް އޮތްކަމަށް އެ ކޮމިޝަނުން އެމްޑީޕީއަށް އަންގާފައިވާތީ ކަމަށް އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެއްވެސް ކޮމިޝަނަކުން ނެރޭ ހިޔާނާތުގެ ލިސްޓެއްގައި ނަން އޮތް މީހަކަށް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ މީގެކުރިން ފާސްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަށް މަހްލޫފް އެކިފަހަރުމަތިން ދެކޮޅު ހައްދަވައިފައިވާއިރު، މަހްލޫފް ވިދާޅުވީ ޖިނާއި ކުށެއް ސާބިތުނުވާހާ ހިނދު އިންތިހާބުގައި ވާދަކުރެވޭނެކަމަށާއި، އަދި އިންތިހާބުގައި ވާދަކުރުމުގެ ހައްގު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަަށެވެ.

މަހުލޫފް ވިދާޅުވީ އެ ޕާޓީގެ ނިންމުމަކީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރި އިންތިހާބުތަކުގަ ވާދަކުރުމުގެ ހައްގާއި ދިމާ އިދިކޮޅު އަދި ޑިމޮކްރެސީގެ ރޫހާވެސް ހިލާފު ނިންމުމެއް ކަމަށެވެ.

"‏އެމްޑީޕީގެ ރައީސް އާއި ނައިބު އާއި ޗެއާޕާސަން އަދި ޕްރައިމަރީތަކަށްވެސް ޝަރުތުހަމެ. ‏މިހިނގާ ކަންކަމަކީ އެމްއެމްޕީއާރުސީ އާއިގުޅޭ ކަމެެއްނޫން. މިއީ ސިޔާސީ ކަމެއް،"

މަހުލޫފް ވަނީ އެމްޑީޕީގެ އިސް ބޭފުޅުންނަށްޓަަކައި އެތައް ގުރުބާނީއެއްވެ އަދި ސަރުކާރުން ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާއިރު މިހާރު ހިނގަމުންދާ ކަންތައްތަކަކީ ކޮން ސަބަބަކާއި ގުޅިގެން ހިނގަމުންދާ ކަންތައްތަކެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ