ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްފައިވާ މަސް ރާއްޖޭގައި ވިއްކާތީ ސަމާލުވާން އެދިއްޖެ

ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްފައިވާ މަސް ރާއްޖޭގައި ވިއްކަމުން ދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އެދިއްޖެއެވެ.

އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ބައެއް ބާވަތްތައް އޭގެ ރަތް ކުލަ ހިފެހެއްޓުމަށްޓަކައި ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްގެން ލޭބަލްގައި އެ މަޢުލޫމާތު ނުހިމަނާ ވިއްކަމުން ދާކަން އެ އޮތޯރިޓީން ނެގި ސާންޕަލް އިން ވަނީ ކަށަވަރުކުރެވިފައި ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ، ކާބަން މޮނޮކްސައިޑް ޓްރީޓްމަންޓް ދިނުމުން ކަނޑުމަހުގެ ބާވަތްތަކަށް ގެނެސްދޭ ތާޒާ ރަތްކުލައަކީ ރޯ މަހުގެ ތާޒާކަން ގެއްލުނަސް އެކުލަ ބަދަލުނުވާ ކުލައެއް ކަމަށެވެ. އަދި ރޯމަހުގެ ކުލައަކީ އޭގެ ތާޒާކަން ބެލުމަށް ބަލާ އެއްމިންގަނޑު ކަމުން، ކާބަން މޮނޮކްސައިޑުން ޓްރީޓް ކުރުމަކީ މަހުގެ އަސްލު ކުލަ ފޮރުވި ގަންނަފަރާތަށް އޭގެ ތާޒާކަން އޮޅޭނެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.

އެހެންކަމުން މަސް ވިއްކާ އަދި ގަންނަ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފައެވެ.

އަދި މިފަދަ އުފެއްދުން ވިއްކަން ހުރިނަމަ ނުވަތަ ޝައްކުވާނަމަ އެ އޮތޯރިޓީގެ ވައިބަރ ނަންބަރު 7603204 އަށް ފޮޓޯއާއެކު މައުލޫމާތު ހިއްސާ ކުރުމަށް އެދިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
411
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ