ކޮވިޑް-19 ގެ ކޭސްތައް ރަށުތެރެއިން ފެނި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އިތުރު ދެ ރަށެއް މޮނީޓަރިންގެ ހާލަތަށް ލައިފިއެވެ.
އެޗްޕީއޭއިން މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ގއ. ކަނޑުހުޅުދޫ އާއި މ. މަޑުއްވަރީއެވެ. މި ދެ ރަށް މޮނީޓަރިންގެ ހާލަތަށް ލީއިރު، އެޗްޕީއޭ އިން ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ލީ ތ. ހިރިލަންދޫ ޢާއްމު ހާލަތަށް ގެނެސްފައެވެ.
މިއާއެކު މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ އަދަދު ވަނީ 17 އަށް އަރައިފައެވެ. އަދި މި މަސްތެރޭ ގައި ދިހައަކަށް ވުރެ ގިނަ ރަށެއް ވަނީ އެޗްޕީއޭއިން މޮނީޓަރިން އަށް ލައިފައެވެ.
މި މަހު މޮނީޓަރިން އަށް ލައިފައިވާ ރަށްތަކުގެ ތެރެއިން މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ، އއ. ހިމަންދޫ، ހދ. މަކުނުދޫ، ބ. އޭދަފުށި، ބ.ކަމަދޫ، އަދ. ހަންޏާމީދޫ، ހދ. ނެއްލައިދޫ، ހއ. އިހަވަންދޫ، ގދ. ތިނަދޫ، އަދ. ދަނގެތި، ގއ. މާމެންދޫ، އަދި މ. މަޑުއްވަރީއެވެ.
އޭގެ އިތުރުން މިދިޔަ ޖުލައި މަހު މޮނީޓަރިންއަށް ލީ ރަށްތަކުގެ ތެރެއިން، ކ. ކާށިދޫ، ށ. ފީވަށް، ހއ. ތަކަންދޫ، އަދި ދ. ކުޑަހުވަދޫ އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. މިދިޔަ މެއި މަހު ގެ 25 ގައި އެޗްޕީއޭ އިން ބަންދުކުރި ރ. ދުވާފަރު އަދިވެސް އޮތީ މޮނީޓަރިން ގައެވެ.
ކޮވިޑް-19 ގެ ހާލަތު މިވަގުތު ކޮންޓްރޯލް ކުރެވިފައި އޮތްނަމަވެސް، އަތޮޅު ތެރޭގެ ރަށްތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާލެއް އަންނަނީ އިތުރުވަމުންނެވެ.




