ލ،ގަމުގައި ވޭނެއް ވަގަށް ނަގައިގެން ގެންގޮސް އަންދާލާފައިފިއެވެ.
ފުލުހުން ވިދާޅުވީ، ލ.ގަމުގައި ހުންނަ މޯ (އެމްއޯ) ހޮޓެލްސް ގެ ވޭން ހޮޓެލް ކައިރީގައި ބާއްވާފައި އޮއްވާ ވަގަށް ނަގައިގެން މުކުރިމަގު ހަތްތެއްޔާ ދިމާލު އިރުމަތީ ފަރާތު އަތިރިމައްޗަށް ގެންގޮސް އެވޭނުގައި އަލިފާން ރޯކޮށްލާފައިވާކަމުގެ މައްސަލަ މިރޭ 21:15 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، ވޭނުގައި ރޯކޮށްލި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި، ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އަލިފާންގަނޑު ނިއްވާލެވުނުއިރު ވޭން ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މި މައްސަލަ އިތުރަށް ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
މަޢޫލޫމާތު ލިބިފައިވާ ގޮތުގައި މޯ (އެމްއޯ) ހޮޓެލްއަކީ ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އާއިލާ އަށް ނިސްބަތްވާ ކުންފުންޏަކުން ހިންގަމުންދަ ހޮޓަލެކެވެ.