ސްރީލަންކާ..

ކޮވިޑް ކޭސްތައް ގިނަވެ، ލަންކާ ލޮކްޑައުނަކަށް

ސިއްހީ ނިޒާމަށް ނުކަތާވަރަށް ސްރީލަންކާގެ ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ އެ ގައުމު ލޮކްޑައުން ކޮށްފިއެވެ.

ރޭ އިން ފެށިގެން އެ ގައުމުގައި ފުލް ލޮކްޑައުންއަކަށް ދާން ނިންމައިފައިވަނީ، 10 ދުވަހުގެ މުއްދަތަކަށެވެ. ލޮކްޑައުނަކަށް ދާކަން އިއުލާނުކޮށްފައިވަނީ އެގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ލަންކާ ލޮކްޑައުންކޮށްފައި މިވަނީ، ކޮންމެ ދުވަހަކު 3000 އަށްވުރެ ގިނަ މީހުން އެ ގައުމުން ޕޮޒިޓިވް ވަމުން އަންނާތީވެ ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހަކީ މިހާތަނަށް ލަންކާގައި ކޮވިޑާ ގުޅިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެދުވަހު ވަނީ އެ ގައުމުން 187 މީހުން އެ ބަލީގައި މަރުވެފަ އެވެ. އަދި ލަންކާގެ ހޮސްޕިޓަލްތަކުގައި ކޮވިޑް ބަލީގެ މީހުން ތޮއްޖެހިފައިވާއިރު އެ ގައުމުގައި މިހާރު ހަލުއިކޮށް ފެތުރެނީ ޑެލްޓާ ވޭރިއަންޓެވެ.

ލަންކާ ލޮކްޑައުނަކަށް ގޮސްފައިވާއިރު، ލޮކްޑައުނަކަށް ދިޔުމުގެ ކުރިންވެސް ބަލިން ރައްކާތެރިވުމުގެ ގޮތުން އެތައް ފިޔަވަޅެއް ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ޖިމްތަކާއި، އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް މީހުން އެއްވުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ކާފިއުވެސް އައީ ހިންގަމުންނެވެެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ