ބަރުލަމާނީ ނިޒާމު ގެންނަން ގޮވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ފަށާ، ޕެޓިޝަނުގައި ސޮއިކުރަން ފަށައިފިއެވެ.
އެމްޑީޕީން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި ޕެޓިޝަން ވަނީ އިފްތިތާހް ކޮށްފައެވެ. މި ކަމުގައި އިސްކޮށް އުޅުއްވަނީ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމްއާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެވެ.
މި ޕެޓިޝަން ކުރިއަށް އޮތް ދެ މަސް ދުވަސް ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި ބަރުލަމާނީ ނިޒާމުގެ ޕެޓިޝަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް އަރުވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ މަޖިލިސް މެންބަރުންނާއި އެމްޑީޕީ މެންބަރުން ވަނީ ވިދާޅުވެފައެވެ.
މި ޕެޓިޝަނަކީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީ މެނިފެސްޓޯގައި، ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ވެފައިވާ ވައުދު ފުއްދުމަށް ބާރުއެޅުމަށް ރައީސަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަނެއް ކަމަށް މި ހަރަކާތުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ޕެޓިޝަނުގައި ސޮއި ކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގެ އެކި ދިމާތަކުގައި ކޭމްޕް ޖަހައިގެން ކުރިއަށް ގެންދަން ރާވައިފައި ވާއިރު، މި ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަން އަތޮޅުތެރޭގައި ވެސް ހަމަޖެއްސުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކޮށް ދެއްވުމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެނެފައެވެ. މެއި 6 ގެ ހަމަލާއަށްފަހު، ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.



