ފޮޓޯ: އަވަސް

ފަރަށް އެރި ބޯޓަށް ފުރެންއޮތީ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓް ދެއްކީމާ!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގު ބޯޓު، އެމް.ވީ. ނަވިއޯސް އަމާރީލިސްއަށް ރާއްޖެއިން ފުރުމުގެ ހުއްދަ ލިބޭނީ 100 މިލިއަން ރުފިޔާ ޑިޕޮސިޓްއެއް ބަހައްޓާފައިކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އީޕީއޭއިން ވިދާޅުވީ، ބޯޓު ފަރަށް އެރުމުގެ ސަބަބުން އެ ބޮޑު ފަރަށް ލިބިފައިވާ ގެއްލުންތައް ބަލަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ބޯޓުގެ ވެރިން ބޯޓު ފުރުވާލަން އެދޭނަމަ ލިބުނު ގެއްލުންތަކުގެ ބަދަލުގައި ދައްކަންޖެހޭ ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާގެ ޑިޕޮސިޓްއެއް ދައްކަން ޖެހޭނެ ކަމަށެވެ.

ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދެއް އިނގޭނީ ސާވޭކޮށް އެއްކޮށް ނިމުނީމާ ކަމަށް އީޕީއޭ އިން ހާމަކުރިއެވެ.

މި ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އެބައޮތް ކަމަށް ށް ޓްރާންސްޕޯޓް މިނިސްޓްރީން މި މަހުގެ 26 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.

މި ހާދިސާ އާއި ގުޅޭ މައުލޫމާތު ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން މި މަހުގެ 26 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ގަނީ ވިދާޅުވީ، ބޯޓު ފަރަށް އަރާފައިވަނީ އިންޖީނު ނިވާލުމާ ގުޅިގެން ޑްރިފްޓްވެގެން ކަމަށާއި އެ ހާދިސާގައި ކެޕްޓަންގެ އިހުމާލު ވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

"މި ހާދިސާ ހިނގާފައިވަނީ މިހާރު ލިބިފައިވާ މައުލޫމާތަށް ބިނާ ކުރަންޏާ ބޯޓުގެ އިންޖީންގެ ޔުނިޓް ތިނެއްގެ ޓެމްޕަރޭޗާ މަތިވުމުން އިންޖީން ނިއްވާލުމުގެ ސަބަބުން އުޅަނދު ޑްރިފްޓްވެގެންގޮސް ފަރަށް އަރާފައިވަނީ،" ހަމަދު ވިދާޅުވިއެވެ.

އޭގެއިތުރުން، މި އުޅަނދު ފަރުން ސަލާމަތް ކުރުމަށް އުޅަނދުގެ ކެޕްޓަން ކުރަންޖެހޭ ކަންކަން ކޮށްފައި ނުވާކަންވެސް ހޯދި ހޯދުންތަކުން އެނގިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއްވިއެވެ.

"އުޅަނދު ފަރަށް އެރުމުގެ ކުރިން އުޅަނދަށް މިފަދަ މައްސަލައެއް ޖެހިފައިވާކަން ކޯސްޓަލް ސްޓޭޓަށް އަންގާފައިވާ ނުވާކަން ފާހަގަކުރެވޭ، އަދި ކެޕްޓަންގެ ހައިސިއްޔަތުން ނަގަންޖެހޭ އެކްޝަންތައް ނަގާފައި ނުވާކަންވެސް ފާހަގަވޭ، ހާއްސަކޮށް ނަގިލިލުން ކަހަލަ ކަންކަން ކޮށްފައި ނުވެ، އަދި އެހީއަށް އެދިފައި ނުވުމަކީ އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވާ ކަންކަން،" ހަމަދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ