ފޮޓޯ: ފޭސްބުކް

ނޮޅިވަރަމްގައި އެމްބިއުލަންސެއް ނެތި، ބަލި މީހުން އުފުލަނީ ރަށު ޕިކަޕުގައި!

ހދ. ނޮޅިވަރަމްގައި އެމްބިއުލެންސެއްގެ ހިދުމަތް ނުލިބޭތާ ހަ މަސް ދުވަސްވެފައިވާއިރު، ބަލި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ޕިކަޕުތަކުގައި އުފުލާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ނޮޅިވަރަމް ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ހުސައިން ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށް މިވާހަކަ މީސްމިޑިއާގައި ހިއްސާކޮށްފައެވެ.

އެގޮތުން ފޮޓޯތަކަކާއެކު މުހައްމަދު ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ރަށު ސިއްހީ މަރުކަޒުގެ އެމްބިއުލަންސް ހަލާކުވެފައި އޮންނަތާ ހަ މަސް ދުވަސް ވެފައިވާ ކަމަށެވެ. އަދި އެމްބިއުލެންސެއް ނެތުމުގެ ސަބަބުން އެމްބިއުލަންގެ ބަދަލުގައި ބޭނުންކުރަމުން ދަނީ ރަށު ޕިކަޕެއްގައި ކަމަށެވެ.

ނޮޅިވަރަމް އިން ކޮވީޑް ކޭސްތަކެއް ފެނި އެ ރަށް މޮނީޓަރިން އަށް ލައިފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހެވެ. ރަށުގެ ހާލަތު ގޯސްވެފައިވާއިރު އެ ރަށުގެ ސަތޭކައެއްހާ ގެ މިހާރުވެސް ވަނީ މޮނިޓަރިންއަށް ލައިފައެވެ.

މި ހާލަތުގައި އެރަށް އޮތް ނަމަވެސް، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަލި މީހުން ހާލު ދެރަވުމުން ފަރުވާއަށް އެ ރަށު ސިއްހީ މަރުކަޒަށް ގެންދަން ޖެހެނީ ރަށު ޕިކަޕުތަކުގައެވެ. އޭގެ އިތުރުން ކޮވިޑް ސާމްޕަލްތައް ނެގުމުގެ މަސައްކަތަށް ދަތުރު ކުރުމަށް ސިއްހީ މަރުކަޒުގެ މަސައްކަތްތެރިންވެސް އުފުލަމުން ދަނީ ޕިކަޕު ތަކުގެ އިތުރުން އަމިއްލަ ސައިކަލު ތަކުގައި ކަމަށް އެ ރަށު ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ނޮޅިވަރަމް އިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިހާ ހިސާބަށް އައި އިރު އިތުރު މީހުންތަކެއް ޕޮޒިޓިވްވެ ޖުމަލް އަދަދު ވަނީ 120 އަށް ވުރެ މައްޗަށް އަރައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ