"އަފްޢާނިސްތާނުގައި އެމެރިކާއިން މި ކުރީ ކޮންކަމެއް" ނަމުގައި އަލީ ރަމީޒު ތައްޔާރުކޮށް ޔޫޓިއުބްގައި ޕޯސްޓުކުރި ވީޑިއޯ އެ ޕްލެޓްފޯމުގެ ފަރާތުން ފުހެލައިފައިވާކަމަށް އަލީ ރަމީޒު ބުނެފިއެވެ.
ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާ އަލީ ރަމީޒް އަންނަނީ އޭނަގެ އަމިއްލަ ޔޫޓިއުބް ޗެނަލްގައި އިސްލާމް ދީނާއި ގުޅޭ އަގުހުރި މައުލޫމާތުތައް ވީޑިއޯއާއެކު ހިއްސާކުރަމުންނެވެ.
އެގޮތުން "އަފްޢާނިސްތާނުގައި އެމެރިކާއިން މި ކުރީ ކޮންކަމެއް" ނަމުގައި ތައްޔާރުކޮށްފައިވާ ވީޑިއޯއެއް އިއްޔެ އަލީ ރަމިޒް ވަނީ އޭނަގެ ޔޫޓިއުބް ޗެނަލުގައި ހިއްސާކޮށްފައެވެ.
ނަމަވެސް މިއަދު އަލީ ރަމީޒް ކުރި ޓްވީޓެއްގައި ބުނީ، އެ ވީޑިއޯ ޔޫޓިއުބްގެ ފަރާތުން ފުހެލައިފައިވާ ކަމަށެވެ.
"އަޅުގަނޑު ގެ ޔޫޓިއުބް ޗެނަލްގައި އިއްޔެ އަޕްލޯޑް ކުރި "އަފްޢާނިސްތާނުގައި އެމެރިކާއިން މި ކުރީ ކޮންކަމެއް"، މި ވީޑިއޯ ޔޫޓިއުބްގެ ފަރާތުން ރިމޫވް ކޮށްފައިވާ ވާހަކަ އެންމެހާ ބޭފުޅުންގެ މައުލޫމާތައް ޓަކައި ދަންނަވާލަމެވެ." އަލީ ރަމީޒް ބުންޏެވެ.
20 އަހަރަށްފަހު އެމެރިކާގެ އަސްކަރިއްޔާގެ ސިފައިން އަފްޣާނިސްތާނުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ފައިބައިފައިވަނީ، ތާލިބާން ޖަމާއަތުން އަފްޢާން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވަނިކޮށެވެ.




