ހުޅުމާލޭ ގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގެ އެތެރެއިން ކުޑަކުދިންތަކެއް ރޯ އަޑު އިވޭ ވީޑިއޯއެއް މިހާރު ވަނީ އާއްމުވެ، ކުދިންނަށް އަނިޔާކުރީ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރޭ ދަންވަރު ފިޔަވަތީގެ އެތެރެއިން ކުޑަކުދިންތަކެއް ރޯ އަޑު އިވޭތީވެ އާއްމުންވެސް ވަނީ އެހިސާބަށް އެއްވެފައެވެ. އަދި އާއްމުން އެއްވެސް ފިޔަވަތީގެ ފާރުމައްޗަށް އަރާ އެތެރެވެސް ވަނީ ބަލައިފައެވެ.
މި މައްސަލައިގައި ސުވާލުކުރުމުން ފުލުހުން ވިދާޅުވީ، ހުޅުމާޅެ ފިޔަވަތީގެ ފާރުމައްޗަށް ބަޔަކު އަރާ އުޅޭ ކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ލިބިގެން އެ ސަރަހައްދަށް ގޮސްފައިވާކަމަށެވެ.
އަދި ފުލުހުން ދިޔައިރު އެތާގައި އެއްވެސް ބަޔަކު ނެތް ކަމަށާއި، އަދި ކުޑަކުދިންނަށް އެތާގެ މުވައްޒަފުން އަނިޔާކުރި ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާކަމަށެވެ.
އެ ވީޑިއޯއިން ފެންނަގޮތުގައި، ފިޔަވަތިން ކުދިން ރޯއަޑު އިވުމުން، އާއްމުން އެއްވެ ފާރުމައްޗަށް އަރައި، ފިޔަވަތީގެ ދޮރު ހުޅުވަން އެދެމުންދިޔައެވެ.
މި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފައި ވަނީ، މި މައްސަލަ ކޮމިޝަންގެ ސަމާލުކަމަށް އައުމުން، އެކަން ބަލަމުން ދާކަމަށެވެ.