ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުދިން ބަލަހައްޓާ، ހުޅުމާލެ ފިޔަވަތީގެ ފުރާޅަށް ކުދިން އަރާ މައްސަލައާއި ގުޅިގެން، މިހާރު ފުރާޅުމައްޗަށް ކުދިންނަށް ނޭރޭގޮތަށް ހަދައިފައިވާ ކަމަށް ށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފިޔަވަތީގައި ތިބޭ ކުދިން އެ އިމާރާތުގެ ފުރާޅަށް އަރާ ހަމަނުޖެހުން ހިންގި މައްސަލައެއް މި މަހުގެ 17 ވަނަ ދުވަހު ވަނީ ފެންމަތިވެފައެވެ. ފިޔަވަތީގައި ތިބޭ ކުދިން އެތަނުގެ ފުރާޅަށާއި ފާރުމައްޗަށް ރޭގަނޑުގެ ދަންވަގުތުތަކުގައިވެސް އަރާ މައްސަލައިގެ އިތުރުން، އެ ތަނުގައި އަލިފާން ރޯކޮށްލަން އުޅުނު މައްސަލައެއްވެސް އެ ރޭ ވަނީ ފެންމަތިވެފައެވެ. އަދި އެކުދިންގެ ބަހުރުވަވެސް އާއްމު މުޖުތަމައުގެ މިންގަނޑުތަކާއި ނުގުޅޭތީވެ، އެކުދިން ތަރުބިއްޔަތު ކުރުމުގައި ޖެންޑާއިން އިހުމާލުވެފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކޮށް މިނިސްޓްރީއަށް ވަނީ ފާޑުކިޔައިފައެވެ.
ފިޔަވަތީގައި ހިނގި މި ހާދިސާއަށްފަހު ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލި ރިޕޯޓުތައް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކުރުމަށް ފަހު ގިނަ ކަންކަން އިސްލާހު ކުރަން ވަނީ އަންގައިފައެވެ.
އެ ރިޕޯޓުތަކުން ފިޔަވަތީގައި ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެތަނުގައި ތިބޭ ގިނަ ކުދިންނަކީ ނަފްސާނީ ބަލިކަން ތަހައްމަލު ކުރާ ކުދިންނަށް ވާއިރު އެކަށީގެންވާ ފަރުވާ އެތަނުން ނުލިބޭ ކަމަށާއި، އަދި ކުދިންގެ އަދަދު ގިނައިރު، ކުދިން ރަނގަޅަށް ބަލަހައްޓާނެ މިންވަރަށް މުވައްޒަފުންގެ އަދަދު މަދުކަން ފާހަގަކޮށްފައިވެއެވެ.
އެއާއެކު މައްސަލަތައް ހައްލަކޮށް ކުދިންގެ ރައްކާތެރިކަމަށް ވަގުތުން ވަގުތަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ޖެންޑާ މިނިސްޓްރީއަށް ވަނީ އަންގާފައެވެ.
ޖެންޑާއިން ވިދާޅުވީ، ނީ ކޮމިޓީން އެންގި ކަންކަމުގެ ތެރެއިން ބައެއް ކަންކަން މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުދިންނަށް ފުރާޅަށް ނޭރޭނެ ގޮތަށް އިމާރާތަށް ބަދަލު ގެނެސްފައިވާ ކަމަށް ޖެންޑާއިން ވިދާޅުވިއެވެ.